ފަލަސްޠީނުގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މަޝްހޫރު ފުޓުބޯޅަ ޓީމު ލެސްޓަރ ސިޓީއަށް، އިނގިރޭސި ވިލާތުގައި ހުންނަވާ ސަފީރު ޝުކުރު ދަންނަވައިފިއެވެ.
ލެސްޓަރ ސިޓީން ވަނީ ވަރުގަދަ ޗެލްސީ ބަލިކޮށް، ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެފްއޭ ކަޕްގެ ނިމުން ފާހަގަ ކުރަން ބޭއްވި ޚާއްސަ ރަސްމިއްޔާތަށް އެ ކުލަބުގެ ކުޅުންތެރިން ފަލަސްޠީނުގެ ދިދައާއިއެކު ދިއުމުން މިކަމަށް ދުނިޔޭގެ ބޮޑު ސަމާލު ކަމެއްވަނީ ލިބިފައެވެ.މިއާއި އެކު،ފަލަސްޠީނަށް އިސްރާއީލުން ދެމުން ގެންދާ ލާ އިންސާނީ އަމަލުތަކާއި ދެކޮޅަށް ތިބި ކަމާއި، ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިވާ ކަން ލެސްޓަރ ސިޓީ ފުުޓުބޯޅަ ކުލަބުންވަނީ ސާބިތު ކޮށްދީފައެވެ.
ލެސްޓަރ ސިޓީގެ މުހިންމު ދެ ކުޅުންތެރިން ކަަމަށްވާ ހަމްޒާ ޗޯދަރީއާއި ވެސްލީ ފޮފާނާގެ އިތުރުން މުޅި ޓީމަށް ލިޔުއްވާފައިވާ ސިޓީގައި، ފަލަސްޠީނުގެ ސަފީރު ހުސާމް ޒަމްލޮތު ވިދާޅުވެފައި ވަނީ، ލެސްޓަރ ސިޓީން ފަލަސްޠީނާއިއެކު އެއްބައިވަންތަކަން ދައްކާފައިވާތީ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން މި ސިޓީގައިވަނީ ނެލްސަން މަންޑޭލާގެ މަޝްހޫރު ބުނުމެއްވެސް ހިމަނުއްވާފައެވެ. ނެލްސަން މަންޑޭލާވަނީ ފަލަސްޠީނު މިނިވަން ނުވާހާ ހިނދަކު، ދުނިޔޭގެ އެއްވެސް އިންސާނަކަށް ފުރިހަމަ މިނިވަނަކަން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން، ލެސްޓަރ ސިޓީގެ ސަޕޯޓާއިއެކު، ފަލަސްޠީނު އިސްރާއީލުގެ އަތް ދަށުން މިނިވަން ވާނޭ ދުވަހެއް އަވަސް މުސްތަޤްބަލެއްގައި ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ހުސާމްވަނީ ވިދާޅުވެފައެވެ.
އަދި ލެސްޓަރ ސިޓީއިން އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާތީވެ އެ ކުލަބަށް މަރުޙަބާ ވިދާޅުވެ، މިނިވަން ފަަލަސްޠީނެއްގެ ވެރި ރަށުގެ ގޮތުގައި ޤުދުސް އޮވެ، ޤުދުސްގެ ފުޓުބޯޅަ ދަނޑެއްގައި ލެސްޓަރ ސިޓީގެ ޓީމުން ކޮޅޭ ތަން ދެކެވަޑައި ގަންނަ ވަން ބޭނުންފުޅުވާ ކަމަށްވެސް ހުސާމްވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކާއި މެދު ނުރުހުން ފާޅުކޮށް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ގިނަ ބަޔަކު މުޒާހަރާ ކުރަމުން ދާއިރު، މަޝްހޫރު ގިނަ ފަންނާނުން ތަކެއްވެސް ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ދަނީ ފަލަސްޠީނުގެ ދިފާއުގައި އަޑު އުފުލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް