ދިވެހިރާއްޖޭގައި ހަލުއި ކަމާއެކު ހުއްޓުމެއް ނެތި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، ގައުމު މިވަގުތު އޮތް ނުރައްކާތެރި ހާލަތު ޑރ. މުހައްމަދު ޢަލީ ބަޔާންކޮށްދެއްވައިފި އެވެ.
ޑރ. މުހައްމަދު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރުގެ އަދަދު 100އަށް އަރައިފި ކަމަށާއި، ބައްޔަށް ހުށައެޅޭ ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުވެ، އިންސާނީ ވަސީލަތް މަދުވާން ފަށައިފި ކަމަށެވެ. ޑރ. ވިދާޅުވީ، ސިއްހީ ހިދުމަތްތެރިން ހާއްސަކޮށް ނަރުހުން ކޯވިޑް-19ގެ ކަންކަަމަށް ހުސްވާންޖެހުމުން އައިޖީއެމް ހޮސްޕިޓަލުގެ ވާޑްތަކުން ގިނަ އޮޕަރޭޝަންތައް ހުއްޓިއްޖެ ކަމަށެވެ.
https://twitter.com/Moxamedalu/status/1394116141430099968
ސިއްހީ ހިދުމަތްތެރިންގެ މަސައްކަތު ވަގުތު 12 ގަޑިއިރަށް ދަންމާލަން މަޖުބޫރުވެފައި ވާ ކަމަށް ވިދާޅުވެ، ޑޮކްޓަރ އިތުރަށް ވިދާޅުވީ ކޭސްތައް އިތުރުވެ ކޮންޓެކްޓް ޓްރޭސިން ނެހެދޭ ހާލަތަށް އައިސްފި ކަމަށެވެ.
ޑރ ވިދާޅުވީ މި ހާލަތުގައި ސިއްހީ ހިދުމަތްތެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގިނަ އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އުންމީދު ކަނޑައިނުލުމަށާއި ރައްކާތެރިވުމުގެ ފިޔަވަޅު އަޅައި ހެޔޮ ދުޢާ ގިނަކުރުމަށް ޑޮކްޓަރ އާންމު ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ.
ރާއްޖޭން ކޯވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އުޅެނީ 700ން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް