ކޮވިޝީލްޑް ވެކްސިން ނެތިގެން ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ނުޖެހިފައިވާ 92،000 މީހުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
ރާއްޖޭގައި ބޭނުން ކުރަމުންދިޔަ ކޮވިޝީލްޑް ވެކްސިން އަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ދެ ލައްކަ ޑޯޒެވެ. އިންޑިއާ އިން ހަދިޔާ ކުރި އެ ވެކްސިންގެ ސްޓޮކް މަދުވެ، މިމަހުގެ ހަތަރަކުން ފެށިގެން ވަނީ އާންމުކޮށް ވެކްސިން ޖެހުން މެދުކަނޑާލައިފަ އެވެ.
މިހާރު ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު މާލެ ސަރަހައްދުގައި ޖަހައި ދެމުން ދަނީ ބަލި ހާލަތުގެ ގޮތުން ބަލައި ވެކްސިން ދޭން ޖެހޭ މީހުންނަށް އެކަންޏެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޝީލްޑްގެ ވެކްސިންގެ މިހާރު ބާކީ ހުރީ 1،200 ޑޯޒް ކަމަށެވެ. އެކަމަކު ފުރަތަމަ ޑޯޒަށް ފަހު، ދެ ވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމުލަ 92،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ މާލޭން 55،000 މީހުންނާއި ރަށްރަށުން 37،000 މީހެކެވެ.
މަބްރޫކް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ވެކްިސން ހޯދޭތޯ ކަމަށެވެ. އަދި ކޮވިޝީލްޑް ނުލިބިއްޖެ ނަމަ އެއް ފޯމިއުލާއެއް ބޭނުންކޮށްގެން ހަދާފައިވާ އެސްޓްރަޒެނެކާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭން ވަނީ އެސްޓްރަޒެނެކާ ކުންފުނިން ވެކްސިންގެ 700،000 ޑޯޒް ގަންނަން އެއްބަސްވުމެއް ހަދައިފަ އެވެ. މަބްރޫކް ވިދާޅުވިގޮތުގައި، މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަންނަ ޖޫން މަހުގެ ތެރޭގައި އެ ވެކްސިންގެ ފުރަތަމަ ސްޓޮކް ލިބޭނެ އެވެ.
ރާއްޖޭން ވެކްސިން ހުސްވީ، އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ، އެ ގައުމުން، އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ އެކު އެވެ.
ރާއްޖޭގައި މިހާރު ކޮވިޝީލްޑްގެ އިތުރުން ޗައިނާގެ ސިނޮފާމް އާއި އެމެރިކާގެ ފައިޒާ ވެކްސިން ވެސް ދެ އެވެ. މީގެ ތެރެއިން ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒަށް ޝަރުތުހަމަވާ 70 ޕަސެންޓު މީހުން މާލެ ސަރަހައްދުގައި ދެ ވަނަ ޑޯޒު ނުޖަހާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ރާއްޖޭގައި މިހާތަނަށް 302،974 މީހުން ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 124،913 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް