ގާސިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް މިއަދު އުވާލައިފި އެވެ. މިދިޔަ ބުދަދުވަހު އޮތް ޝަރީއަތުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް ކޮށ...

17 May 2017 | 12:22

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް މިއަދު އުވާލައިފި އެވެ.

މިދިޔަ ބުދަދުވަހު އޮތް ޝަރީއަތުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް ކޮށްފައިވާ ހަތް ޝަރުތު ކްރިމިނަލް ކޯޓުން އުވައިލީ އިއްޔެ ފުލުހުން އެ ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ގާސިމްއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ޝަރުތުތަކެއް ކަނޑައަޅައި ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ އޭނާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިވޭތޯ ބުދަދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލުކުރެއްވުމުން ނުފޮނުވާ ކަމަށް ފުލުހުން ބުނުމުންނެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި ފުލުހުން އޮތީ އެ މައްސަލަ އޭގެ ކުރީ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ގާސިމް ބަންދުކޮށްފައި ބަހައްޓަން ފުލުހުން ކުރި ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީން އަނބުރާ ފޮނުވާލުމުން އެ ޝަރުތުތައް އުވާލަން ޖެހޭނެ ކަމަށް ގާސިމްގެ ވަކީލުން ގެންދެވީ ވިދާޅުވަމުންނެވެ.

ގާސިމަށް ކުރި ޝަރުތުތަކަކީ

ސިޔާސީ އެއްވެސް އެއްވުމެއްގައި ބައިވެރި ނުވުން

ފިތުނަ އުފެދޭ ގޮތަށް ވާހަކަ ނުދެއްކެވުން

ފިތުނަ އުފެދޭގޮތަށް ވާހަކަދައްކާ މީހުންނާއި ގާސިމް ވާހަކަ ނުދެއްކެވުން

ގާސިމްގެ ގޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކާ ބައްދަލުވުންތައް ކުރިޔަށް ނުގެންދިއުން

ގާސިމްގެ ބިމެއްގައި ނުވަތަ އޮފީހެއްގައި ފިތުނަ އުފެދޭ ފަދަ ހަރަކާތެއް ނުބޭއްވުން

ހެއްކަށް ނުފޫޒު ފޯރާ ފަދަ ކަމެއް ނުކުރުން

ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައި ނުގެންނެވުން

އަދި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް