ސުނީލް ޝެއްޓީގެ ފިރިހެން ދަރިފުޅު އާހަން ޝެއްޓީގެ ފުރަތަމަ ބޮލީވުޑް ފިލްމު ޑިސެމްބަރު މަހު ނިކުންނާނެ ކަމަށް އޭނާ ބުނެފި އެވެ.
ސުނީލް މިހެން ބުނެފައިވަނީ އިންޑިއާގެ ޓާޓާ ސްކައިން ކުންފުނިން އިސްނަގައިގެން ފިލްމީ ދާއިރާއަށް އައު ފަރާތްތައް ތަޢާރަފްކޮށް ކުރިއެރުވުމަށް އެހީތެރިވުމުގެގޮތުން ފެއްޓި ޕްރޮގުރާމް އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިންނެވެ. އެ ޙަފްލާގައި މަގުބޫލު އެކްޓަރު އަޖޭ ދޭވްގަންވެސް ބައިވެރިވެފައިވެ އެވެ.
އުމުރުން 21 އަހަރުގެ އާހަން ޝެޓީ މިހާރުދަނީ ލަންޑަންގައި އެކްޓިން ދަސްކުރަމުންކަމަށް ސުނީލް ބުނި އެވެ. އަދި އޭނާގެ ފިލްމު ފްރޮޑިއުސްކުރަނީ ފޮކްސް އެންޓަޓެއިންމަންޓްގެ ކުޑައިގެދަށުން ބޮލީވުޑްގެ މަޝްޙޫރު ޕްރޮޑިއުސާ ސާޖިދް ނަޑިއަޑްވާލާ ކަމަށާއި އާހަންއަށް މި ދާއިރާގައި ކުރިއަށް ދެވޭނެކަން އެނގޭނީ އޭނާގެ ހުނަރާއި ޝަހުޞިއްޔަތާއި އަދި ނަސީބު ދިމާކުރާ ގޮތަކުންކަމަށް ސުނީލް ބުނެފައިވެ އެވެ.
އެ ފިލްމާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ސޫނީލް ޝެއްޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީވަނީ 2015 ވަނަ އަހަރު ސަލްމާން ޙާންގެ ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތަޢާރަފުވެފަ އެވެ. އެ ފިލްމުގައި އޭނާ ދައްކާފައިވާ އެކްޓިންއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް