މޯލްޑިވްސް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސް ފުޅިއަކުން 25 ރުފިޔާ އަގު ހެޔޮ ކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ 10 ކިލޯގެ ގޭސްފުޅިއެއްގެ އަގު މިއަދުން ފެށިގެން ހަ ރޯދަ ނިމެންދެން އަގު ހެޔޮކޮށް ލިބޭނެ ކަމަށެވެ.
މޯލްޑިވްސް ގޭސް ގެ ގޭހުގެ އަގަށް މި ގެނައި ބަދަލާއި އެކު މިހާރު 200 ރުފިޔާއަށް ވިއްކާ ގޭސް ފުޅި މިއަދުން ފެށިގެން ވިއްކާނީ 175 ރުފިޔާ އަށެވެ. މައުމޫން ވިދާޅުވީ އަތޮޅު ތެރޭގައި ވިއްކާ ގޭހުގެ އަގުންވެސް 25 ރުފިޔާ މިއަދުން ފެށިގެން ކަނޑަން ޖެހޭނެ ކަމަށެވެ.
"މިސާލަކަށް 300 ރުފިޔާއަށް ފުޅި ވިއްކަމުން އައި ނަމަވެސް މި ބަދަލު ގެނައި މުއްދަތުގައި އެޖެންޓުން ވިއްކަން ޖެހޭނީ 25 ރުފިޔާ އަގު ހެޔޮކޮށްގެން. މާނައަކީ ކޮންމެ އަގެއްގައި މިހާރު ގޭސް ވިއްކަމުން އައި ނަމަވެސް 10 ކިލޯ ކައްކާ ގޭސް ފުޅިން 25 ރުފިޔާ އަގު ހެޔޮ ކުރަން ޖެހޭނެއޭ،" މައުމޫން ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ރަށްރަށަށް ގޭސްފުޅި ގެންދަން ނާލު ނަގާތީ، މާލޭގައި ވިއްކާ އަގާ އެއްވަރަށް އެ ކުންފުނީގެ އޭޖެންޓުންނަށް ގޭސް ވިއްކަން ދަތިތަކާ ދިމާވާ ކަމަށެވެ. އެހެން ނަމަވެސް 25ރ. ހެޔޮކޮށް ގޭސް ވިއްކައި އޭގެ ބިލް މޯލްޑިވް ގޭހަށް ފޮނުވުމުން، އެ މަދުކުރި ފައިސާ އަނބުރާ ދޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ތިން ފަހަރެއްގެ މަތިން ގޭހުގެ އަގު ހެޔޮކޮށްފަ އެވެ. މޯލްޑިވް ގޭހުގެ އިތުރުން ވިލާ ގޭސްގެ އަގަށް ވަނީ ބަދަލު ގެނެސްފައި އެވެ.
އެގތުން 10 ކިލޯގެ ގޭސް ފުޅިއެއް 175 ވިއްކުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނިން މި އަގަށް ބަދަލު ގެނައީ މުއްދަތެއް ނެތް ގޮތަށް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް