އެމެރިކާގެ މަގުބޫލު ސިޔާސީ ޑްރާމާ ސީރީޒް "ސްކޭންޑަލް"ގެ ސީޒަން ހަތެއް ދެއްކުމަށްފަހު އެ ސީރީޒް އެއްކޮށް ނިންމާލާނެކަމަށް އެ ސީރީޒް ދައްކާ ނެޓްވޯކު އޭބީސީއިން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން އޭބީސީގެ ރައީސް ޗޭނިން ޑަންގޭ ބުނީ އެ ސީރީޒް ނިންމާލަން ނިންމީ ސީރީޒްގެ ޕްރޮޑިއުސާ ޝޯންޑާ ރައިމްސާއި ވާހަކަދެއްކުމަށްފަހު އޭނާވެސް އެކަމަށް އެއްބަސްވުމުން ކަމަށެވެ.
އެމެރިކާގެ ވެރިކަން ހޯދުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ދައްކުވައިދޭ މި ސީރީޒްގެ ސީޒަން ހަތެއްގެ އެޕިސޯޑުތަކުގެ އަދަދު އަދި ޔަޤީންނުވި ނަމަވެސް އެ ސީޒަން އަންނަ އަހަރު ތެރޭގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ޙަބަރާއި ގުޅިގެން ޝޯންޑާ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކަށޭނެ ވަގުތެއް އޮވެއްޖެނަމަ ޝޯއެއް ނިންމާލުމަކީ އޭނާއަށް މާ އުނދަގޫކަމަކަށް ނުވާނެކަމަށާއި ސްކޭންޑަލް ވަރަށް ފުރިހަމަ ނިމުމަކުން އަންނަ އަހަރު ނިންމާލާނެކަމަށެވެ.
އޮލިވީއާ ޕޯޕްގެ ރޯލުން ކެރީ ވޮޝިންގްޓަން ފެނިގެންދާ އެ ސީރީޒް ދައްކަންފެށީ އޭޕްރީލް 2012 އިން ފެށިގެންނެވެ. އެ ސީރީޒްއަށް އާންމުންގެ މެދުގައި އެންމެ ބޮޑު މަގޫބޫލުކަމެއް ލިބުނީ 30 އަހަރު ފަހުން ފުރަތަމަ ފަހަރަށް ކެރީ ފަދަ އެމެރިކާގެ ކަޅު ނަސްލުގެ އެކްޓަރަކު ލީޑް ރޯލަކުން ފެނިގެންދިއުމާއި ގުޅިގެންނެވެ. ޝޯޝަލް މީޑިއާގައިވެސް އެ ސީރީޒްވަނީ ވަރަށް ބޮޑަށް ވަކި ހިތްޕާލާފަ އެވެ.
ޝޯންޑާގެ ޝޯންޑަލޭންޑް ޕްރޮޑަކްޝަން ކުޑައިގެދަށުން ގެނެސްދޭ އެ ސީރީޒްގެ ސީޒަން ހައެއްގެ އެޕިސޯޑުތައް މިހާރު ދަނީ ދައްކަމުންނެވެ. ސީޒަން ހައެއްގެ ފަހު އެޕިސޯޑު މި އަންނަ ބުރާސްފަތި ދުވަހު ދައްކާނެ އެވެ.
ސްކޭންޑަލް ނިންމާލަން ނިންމިއިރު ޝޯންޑަލޭންޑުން އަންނަނީ އިތުރު އައު ދެ ސީރީޒްއެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ސްކޭންޑަލްގެ ސްޕިން-އޮފް ސީރީޒް އެއްކަމަށްވާ "ފޯ ދަ ޕީޕަލް" އާއި ރޯމިއޯ އެންޑް ޖޫލިއެޓްގެ ސީގުއެލް ސީރީޒް "ސްޓާ ކްރޮސް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް