ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އުފަންދުވަސް އާއިލާއިން މާފުށީ ޖަލުގައި މިއަދު ފާހަގަކޮށްފި އެވެ.
އުފަންދުވަސް ފާހަގަކުރުމަށް ޓަކައި އެމަނިކުފާނުގެ ބައްޕާފުޅު އަބްދުއްސައްތާރާއި މަންމާފުޅު އާބިދާ އަހުމަދާއި އަނބިކަނބަލުން ލައިލާ އަލީ އާއި ހަގު ދަރިކަނބަލުން ޒާޔާ ލައިލާ ނަޝީދު ވަނީ މިއަދު މެންދުރު ފަހު މާފުއްޓަށް ވަޑައިގެންފަ އެވެ.
ނަޝީދުގެ އުފަން ދުވަސް ފާހަގަކުރުމަށް ޓަކައި އާއިލާގެ ބޭފުޅުން މާފުއްޓަށް ވަޑަައިގަތީ ކޭކަކާއި އެހެން ވެސް ހަދިޔާތަކާ އެކު އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް އެއްޗެހި ނަޝީދާ ހަމައަށް ގެންދިއުން ކަރެކްޝަންސްއިން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ކޭކު ވެސް ހިމެނެ އެވެ.
އުމުރުފުޅުން 48 އަހަރުފުޅުވީއިރު، ރައީސް ނަޝީދުގެ އިތުރު ހަތަރު އުފަންދުވަހެއް ވެސް މީގެ ކުރިން ވަނީ ޖަލުގައި އިންނަވަނިކޮށް އައިސްފަ އެވެ.
ނަޝީދު 24 ވަނަ އުފަން ދުވަހާއި 25 އަދި 26 ވަނަ އުފަން ދުވަސް ވެސް ހޭދަކުރެއްވީ އެކި ތުހުމަތުތަކާ ގުޅިގެން ޖަލުގަ އެވެ. އަދި އެމަނިކުފާނުގެ 29 ވަަނަ އުފަން ދުވަސް ވެސް ފާހަގަކުރެއްވީ ޖަލުގަ އެވެ.
ޖަލުގައި ހުންނެވި ނަޝީދުގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ ސަޕޯޓަރުން ވަނީ އެކިގޮތްގޮތަށް ތަހުނިޔާ ފޮނުވައިފަ އެވެ. ރެއިން ފެށިގެން އެތައް ހާސް ބަޔަކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތަހުނިޔާގެ މެސެޖްތައް ފޮނުވާފައި ވެ އެވެ.
ނަޝީދުގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރަން އެމްޑީޕީން މިއަދު ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައިފަ އެވެ.
އެ ޕާޓީން ބުނިގޮތުގައި ނަޝީދުގެ އުފަން ދުވަހުގެ ތަހުނިޔާ ކާޑާއި ކޭކާއި އެ ނޫން ވެސް ހަދިޔާ ރައްދުކުރަން ބޭނުންވާ މީހުންނަށް ފުރުސަތުދޭން ހަވީރު 4:00-6:00 އަށް ރާޅުގަނޑުގައި ހަރަކާތެއް ކުރިއަށްދާނެ އެެވެ. އަދި މިރޭ ބާއްވާ މިއުޒިކް ޝޯއެއްގެ ތެެރެއިން އެމަނިކުފާނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ޑޮކިއުމެންޓްރީއެއް އާއްމުކުރާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް