"އުންމަތް ފަލަޞްޠީނާއެކު" ގެ ނަމުގައި ހުކުރު ދުވަހުގެރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަނީ

"އުންމަތް ފަލްޞްޠީނާއެކު" މި ނަމުގައި ހުކުރު ދުވަހުގެރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. 18 އެޕްރީލް ވާ ހުކުރު ދުވަހުގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ ހިނގާލުން ފެށިގެން ދާނީ ...

17 Apr 2025 | 16:34

"އުންމަތް ފަލްޞްޠީނާއެކު" މި ނަމުގައި ހުކުރު ދުވަހުގެރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

18 އެޕްރީލް ވާ ހުކުރު ދުވަހުގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ ހިނގާލުން ފެށިގެން ދާނީ މަޖީދީމަގު ސޯޝަލް ސެންޓަރު ކުރިމަތިން ކަމަށާއި، އަދި މި ހިނގާލުން ނިންމާލަނީ މަޖީދީ މަގުން ގޮސް އާޓިފިޝަލް ބީޗް ސަރަޙައްދަށް ކަމަށް އިވެންޓު އިންތިޒާމު ކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ. އަދި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗު ސަރަހަދުގައި ޝުޢޫރު ފާޅުކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއްވެސް އޮންނާނޭ ކަމަށްވެސް އެ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

ޔޫތު ފޯ ޔުނިޓީއާއި އެހެނިހެން ޖަމިއްޔާތަކާއި ދިނީ ޢިލްމުވެރިންނާއި އަދި ދީނީއެކި ހަރަކާތްތައް ހިންގާ ފަރުދުން ގުޅިގެން ބާއްވާ މި އިވެންޓުގައި ފަލަޞްޠީނުގެ މުސްލިމުންގެ ޙައްޤުގައި ދިވެހިރާއްޖެއަށް އެޅިދާނެ އިތުރު ފިޔަވަޅުތައް އަޅާދިނުމަށް ސަރުކާރަށް ގޮވާލާނެ ކަމަށް އެ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް އެއްވުންތައް ބޭއްވުން ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މާލޭގައި ބާއްވާ މި އިވެންޓުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އިވެންޓު އިންތިޒާމު ކުރާފަރާތްތަކުން ދަނީ ގޮވާލައްވަމުންނެވެ.

މި އިވެންޓުގައި ބޭނުންކުރާ ޓީޝާޓު އަދި ސްކާފް ފަދަ ތަކެތި ޔޫތު ފޯ ޔުނިޓީގެ ފަރާތުން ވަނީ ވިއްކަން ފަށާފައެވެ. މިހާރުވެސް ރާޅުގަނޑު ސަރަހައްދުންނާއި މިތަކެތި ލިބެން ހުންނާނޭ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

މިދިޔަ އަންގާރަ ދުވަހު އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭގޮތަށް އިމިގްރޭޝަންގެ ޤާނޫނު އިސްލާޙްކުރުމާއިއެކު ރައީސް މުއިޒް ވަނީ ވަގުތުން ވަގުތަށް އެއަށް ޢަމަކުކުރުމަށް އެ ބިލް ތަސްދީޤު ކުރައްވާފައެވެ.

ދިވެހިރާއްޖެއިން އިސްރާއީލު ޕާސްޕޯޓު މަނާކުރުމުން ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ މި ހިއްވަރުގަދަ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ. އަދި މި ނިންމުން ބަލައިގަނެ ހަމާސް ޖަމާޢަތުންވެސް ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް