ކައިވެނި ޕާޓީއެއް ނުބޭއްވިޔަސް، ތިމާގެ މީހުންނާ ރައްޓެހިންނަށް ކުޑަސައެއް ހެދިއެވެ. ހާލަތުގެ ގޮތުން، ހަފުލާ އަކީ މާ އުފާވެރި ހަފުލާއަކަށް ނުވިޔަސް، އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިނތުންވުމެވެ. އެކަކު އަނެކަކަށް އުފާވެރި މޫނެއް ދެއްކޭތޯ އެންމެންވެސް މަސައްކަތް ކުރިއެވެ. ލަޔާލްއާ ނޫރާ ފިޔަވައެވެ. އެދެމީހުންގެ މޫނުމަތިން ކިޔައިދެނީ މުޅިން ތަފާތު ވާހަކައެކެވެ. ފެންނަނީ މިފަދަ އުފާވެރި ވަގުތަކާ އެއްވެސް ގުޅުމެއް ނެތް އަސަރުތަކެކެވެ.
ކައިވެނީގެ ވަލީމާގައި ބައިވެރިވި މީހުން ބައިބަޔަށް އެތަނުން ނުކުންނަން ފަށައިފިއެވެ. އިރުއޮއްސުމާ ގާތްވަމުން ދިޔަވަރަކަށް ގޭތެރެއިން މީހުން ދިޔައީ މަދުވަމުންނެވެ. އެތަނުގައި ދުވެ ކުޅެ އުޅުނު ތުއްތު ކުދިންގެ އަޑު މުޅިންހެން ކެނޑިއްޖެއެވެ. ގޭތެރެ ފަޅުވެއްޖެއެވެ. އެންމެން ހުސްވުމުން ލަޔާލް ދޮންތަމެން މޭޒުމަތީގައި އަތުރާފައިހުރި ކާއެއްޗިހިތައް ނަގަންފެށިއެވެ.
''ނޫރާ...... އާދޭ ދެކުދިން ސައިބޯން...........'' އެމީހުން އަދި އެއްވެސް އެއްޗެއް ނުކައިތިބިކަން ހަނދާންވުމުން ލަޔާލީ ނޫރާއަށް ގޮވާލިއެވެ. ލަޔާލީ ގޮވާލިޔަސް މިއަދު ނޫރާއަކަށް ނުކެވޭނެއެވެ. ކާނެ ހިތްވަރެއް އޭނާގެ ނެތެވެ. އިންތަނުން ތެދުވާން ޙަރަކާތެއް ކޮއްލާންވެސް އޭނާ އިނީ ނުކުޅެދިފައެވެ.
''ހިނގާބަލަ ދެން......... މަންމަމެންވެސް ސައިބޮއެފި........... ނޫރާމެން ސައިބުއީމަ ހެދިކާތައް ބަހާލަން ކަމަށް ދޮންތަ މިއުޅެނީ ...........އެހެންނޫނީ ޖެހޭނީ އުކާލާކައްނު..........'' ނޫރާ އިންތަނުން ނުތެދުވުމުން ލަޔާލީ އެމީހުން ކައިރިއަށް އައެވެ.
''ސައިބޯހިތެއް ނެތް............ ދޮންތަމެން ސައިބޯލާ...........'' ނޫރާ މަޑުމަޑުން ބުނެލިއެވެ.
''ދޮންތަމެން ސައިބޮއިފީމޭ......... މިހާރު ސައި ނުބޮއި ތިބީ ލަޔާލްއާ ނޫރާ އެކަނި.......... ދޮންތަ މިހާރު ނުޖެހޭނު ލަޔާލަށް ކާންދޭކަށް އިނގޭ.......... ނޫރާ ޖެހޭނީ ދެން ލަޔާލަށް ކާންދޭން........... ދޮންތަމެންގެ ޑިއުޓީ ނިމިއްޖެ..........'' ހެމުން ހެމުން ލަޔާލީ ބުނެލިއެވެ. އޭނާ ބޭނުންވީ ނޫރާއާ ސަމާސާކޮއްލާށެވެ. ނޫރާގެ މޫނުން ހިނިތުންވުމެއް ފެންނަން އެދޭތީއެވެ.
ލަޔާލީ އެހެންއެބުނީ ސަމާސާކޮއްލުމުގެ ގޮތުން ކަމަށް ވިޔަސް، އެބުނި އެއްޗަކާ ދޭތެރޭ ނޫރާއަށް ވިސްނާލެވުނެވެ. ދެތެކެވެ. މިހާރު ލަޔާލްއަކީ ނޫރާގެ ފިރިމީހާއެވެ. އެހެނަސް ނޫރާއަށް އެކަން ޤަބޫލު ކުރަން އުނދަގޫވަނީއެވެ. އެހާ ކުޑަ ހިނދުކޮޅަކުން ނޫރާގެ މުޅި ދިރިއުޅުން ބަދަލުވީހެއްޔެވެ؟ އާނއެކެވެ. ޤަބޫލުކުރަން ދަތިވިޔަސް އެއީ ހަޤީޤަތެވެ. ކައިވެނި ޚުތުބާ ނޫރާ އަޑުއެހިއެވެ. އޭގައި ފިރިމީހާގެ ހައްޤުތަކާ އަނބި މީހާގެ ހައްޤުތަކުގެ ވާހަކަ ކިޔައިދިނެވެ. ދެމަފިރީންގެ ގުޅުމަކީ މާތް ގުޅުމެއްކަމާ، ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ވާޖިބުތައް ބުނެދިނެވެ.
''އޭތް....... ކޮން ކަމަކާ ތިޔަ ވިސްނަނީ...........'' ލަޔާލީ ނޫރާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ދެލޯ ބޮޑުކޮށްގެން އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިން ނޫރާއަށް ސިހުން ލިބުނެވެ. ވަށައިގެން ހޯދާލެވުނެވެ. އޭރު ލަޔާލް ފެންނާކަށް ނެތެވެ.
''ތި ހޯދާމީހާ އެހެރީ އެކޮޅުގަ........." ނޫރާގެ ބޮލުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލަމުން ނޫރާގެ މޫނު ލަޔާލީ އަނބުރާލިއެވެ. ލަޔާލް ހުއްޓިގެން ހުރި ދިމާއަށެވެ. ނޫރާ ލަދުގެތެވެ. އަވަސް އަވަހަށް އިސްޖަހާލިއެވެ. ހަޤީގަތުގައިވެސް އޭނާ ހޯދާލީ ލަޔާލް އެތަނުގައި ނެތުމުންނެވެ. އެކަމަކު އެއީ އޭނާ އަމިއްލަ އިޚްތިޔާރުގައި ކުރެވުނު ހަރަކާތެއް ނޫނެވެ.
ނޫރާއަށް މަޖުބޫރުވީ އެތަނުން ތެދުވާށެވެ. ދޮންތަ ލައްވާ އާދޭސް ކުރުވަން ބޭނުން ނުވާތީއެވެ.
**********
ސައިގެ ކަންތައްތައް ނިންމާލުމަށްފަހު އެންމެން ގޮސް ނިމިއްޖެއެވެ. ގޭތެރެ ހަމަހިމޭން ވެއްޖެއެވެ. ޒަރީނާވެސް ވީ ކޮޓަރިތެރޭގައެވެ.
އެ ހަމަހިމޭންކަމުގައި ނޫރާވެސް އިނީ ހިމޭންވެފައެވެ. ސިޓިންރޫމު ސޯފާއެއްގައެވެ. ފިކުރުބޮޑުވުމާ ހާސްކަމުގައި ނޫރާއަށް ހަމަނިދި ނުނިދޭތާ އެތައް ދުވަހެއް ވެފައިވާތީ ބޮލުގައިވެސް ރިހުމެއް އެބަހުއްޓެވެ. ވަރުބަލިކަން އިހްސާސްކުރެވި ނޫރާ އިނީ އޮށޯވެލަންވެސް އިންތިހާއަށް ބޭނުންވެފައެވެ.
ނޫރާ އެހެން އިންނަތާ އިރުކޮޅެއް ވީފަހުން ލަޔާލް ގެއަށް ވަނެވެ. ލަޔާލް އެއައީ އޭނާގެ މަންމަމެން ގެއަށް ލާފައެވެ. ލަޔާލް އިށީނީ ނޫރާގެ ކުރިމަތީގައި ހުރި ސޯފާގައެވެ. ލަޔާލް އިށީނުމާއެކު ނޫރާ އިސްޖަހާލިއެވެ.
''ނޫރާ......'' ލަޔާލް ގޮވާލިއެވެ. އާދައިގެ ގޮތަކަށެވެ. މަޑުންނެވެ. ލަޔާލްއަކީ އާދަވެ މާ ބާރަށް ވާހަކަދައްކާ މީހެއް ނޫނެވެ. އޭނާގެ އަޑުގައި އެއްވެސް ތަފާތުކަމެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ލަޔާލް ގޮވާލުމުން ނޫރާއަށް ޖަވާބެއް ނުދެވުނެވެ. ޖަވާބު ނުދެވުނުތާގައި އިސްއުފުލާލަންވެސް އޭނާ ޖެހިލުންވިއެވެ. އެހެންނަމަވެސް ކުޑަކޮށް އިސް އުފުލާލަމުން، ވައްކަޅިން ނޫރާ ލަޔާލްގެ މޫނަށް ބަލާލިއެވެ.
''ނޫރާ ......... އަހަރެން ބޭނުން ވާހަކައެއް ބުނަން.........'' ލަޔާލް ސޯފާގައި ހަމަޖެހިލިއެވެ. ލަޔާލްގެ މޫނަށް ނޫރާ ބަލާލިއެވެ. ލަޔާލް ބުނަން އެއުޅެނީ އަނެއްކާ ކޮންވާހަކައެއްބާއޭ ނޫރާގެ ހިތަށްއެރިއެވެ.
އޭރު ލަޔާލްގެ ނަޒަރު ހުއްޓިފައިވަނީ ނޫރާގެ އަތްތިލައަށެވެ. ލަޔާލް އެބަލަނީ ނޫރާގެ އިނގިލީގައި އޮތް އަނގޮޓިއަށް ހެން ހީވުމާއެކު، ނޫރާއަށް އެ އަނގޮޓި މަތީގައި އަނެއް އަތް އަޅާ ފޮރުވާލެވުނެވެ. ދެވަނަ ސިކުންތުގައި ނޫރާ އަނގޮޓިމަތިން އަތް ނެގިއެވެ. ސިޓިންރޫމުގައި ދިއްލާފައިވާ ބޮކިތަކުގެ އަލި އެޅުމުން އެ އަނގޮޓީގައިވާ އަލިމަސް ވިދައިގަތެވެ.
ދެންވެސް ނޫރާ ބަލާލީ ލަޔާލްގެ މޫނަށެވެ. އޭރުވެސް ލަޔާލް އިނީ ނޫރާގެ އަތްތިލައާ ދިމާއަށް ބަލާށެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ވިސްނަނީ ހެނެވެ. ނޫރާއަށް ވިސްނުނެވެ. މިހާރު ދެން ހަމްޒާ އަޅުވައިދިން އަނގޮޓިއެއް ނޫރާގެ އިނގިލީގައި އޮންނާކަށް ލަޔާލް ބޭނުމެއް ނުވާނެއެވެ. އޮންނާކަށް ނުވެސް ޖެހޭނެތާއެވެ.
ދެއިނގިން ހިފާލަމުން ނޫރާ އަނގޮޓި ދަމާލިއެވެ. އޭނާ ބޭނުންވީ އެ އަނގޮޓި އިނލިން ނަގާށެވެ.
''ނޫރާ........'' އެމަންޒަރު ބަލަން އިން ލަޔާލް އަވަސް ހަރަކާތަކާއެކު ނޫރާކައިރިއަށް ޖެހިލާ އެ އަތުގައި ހިފަހައްޓާލިއެވެ. ނޫރާއަށް ލިބުނު ކުއްލި ސިހުމުގައި އަތް ދަމައިގަނެވުނެވެ.
''ހަމްޒާ ތި އަނގޮޓި ނޫރާ އަތުގައި އަޅުވައިދިނީ ނަގާކަށް ނޫނެއްނު.......... ތި އަނގޮޓި ނޫރާގެ އިނގިލީގައި އޮތުމަކުން އަހަންނަށް އެއްވެސް މައްސަލައެއް ނެތް..........'' ލަޔާލް ވާހަކަދެއްކީ ފުންވިސްނުމެއްގައި އިދެގެން ވާހަކަ ދައްކާކަހަލަގޮތަށެވެ. ލަޔާލްގެ އަނގައިން ބޭރުވި ޖުމުލަތައް އިވިފައި ނޫރާ ހައިރާންވިއެވެ. ލަޔާލްއަކީ ނޫރާގެ ފިރިމީހާކަމަށްވެފައި، އެ އަނގޮޓިއަކީ ނޫރާގެ ލޯބިވެރިޔާ އަޅުވައިދިން އެއްޗަކަށް ވުމަކުން ލަޔާލްގެ ހިތުގައި އެކަމާމެދު އެއްވެސް ކިލަނބުކަމެއް އުފެދިފައި ނުވާކަން ނޫރާއަށް ޔަޤީންވިއެވެ.
''އަހަރެން ޤަބޫލުކުރާގޮތުގައި ނޫރާއާ ހަމްޒާ އެކަކު އަނެކަކުދެކެވީ ހަޤީޤީލޯބި........ ވަކިވާން ޖެހުން އެއީ އަދި އެހެންކަމެއް........ ނޫރާއާ އަހަރެން .......... މިބުނީ ނޫރާ އަހަންނާ ކައިވެނި ކުރަން ޖެހުން އެއީ ތަޤުދީރުގައި އަހަރެމެންނަށްޓަކައި ރޭވިފައިވާގޮތްކަމަށް އަހަރެން ޤަބޫލުކުރަނީ......... އެކަން ބަދަލު ކުރުމުގެ ކުޑަވެސް އިޚްތިޔާރެއް އޮތްނަމަ ...........'' ލަޔާލް ފުން ނޭވާއެއް ބޭރުކޮއްލިއެވެ.
''ނޫރާ.......... އަހަންނަށް އެނގޭ ނޫރާ އަހަންނާ ކައިވެނި ކުރީ ނޫރާ ބޭނުން ވެގެން ނޫންކަން........ އެކަމަކު...........ނޫރާވެސް އަދި އަހަރެންވެސް ވާނެ ހަޤީޤަތް ޤަބޫލުކުރަން.......... މިބުނީ އަހަރެމެންނަކީ ދެމަފިރިންކަން..................'' ލަޔާލް ނޫރާއަށް އަންގައިދޭން ނޫނީ ބުނެދޭން އެއުޅޭއެއްޗެއް ބުނެދޭނެ ގޮތެއް ޚުދު އޭނާއަކަށް ނުވިސްނުނެވެ.
''އަހަންނަށް އެނގޭ ނޫރާގެ ހިތުގައި ޖާގަދެވިފައިވަނީ ކާކަށްކަން............އެކަން ބަދަލުކުރާކަށް އަހަރެން މަސައްކަތެއް ނުކުރާނަން.......... ސަބަބަކީ............ ނޫރާއާ ހަމްޒާ އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް އަހަރެން ޤަދަރު ކުރާތީ.......ދެން މިވަރުން ނޫރާއަށް އަހަރެން ބުނެދޭން މިއުޅޭ އެއްޗެއް ވިސްނޭނެކަމަށް އުންމީދުކުރަން......... މިއީ މިވާހަކަ ދަންކަން އެންމެ ކަމުދާ ވަގުތު ނޫންކަންވެސް އަހަންނަށް އެނގޭ...........'' ލަޔާލް ވާހަކަ ހުއްޓާލިއެވެ. ދެން އިތުރަށް އެވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ވާހަކަ ތަކުން ނޫރާއަށް އުދަގޫވާނެކަން އެނގޭތީއެވެ. ޚުދު އޭނާއަށް ވެސް އެ ވާހަކަދައްކަން ފަސޭހައެއް ނޫނެވެ. އެކަމަކު ލަޔާލް ބޭނުންވީ ނޫރާގެ ހިތުގައި ލަޔާލްއާ މެދު އިތުބާރެއް އުފައްދާށެވެ.
ދެން ވަދޭ އެއްޗިހި ބަދަލުކޮށްގެން ނަމާދު ކުރަން......... މިހާރު މާ ލަސްވެއްޖެ......... ވަރުބަލި ވެސް ވެފައެއްނު ތީނީ.........'' ލަޔާލް ވާހަކަދެއްކީ ނިކަން މަޑުމައިތިރި ކަމާއެކުގައެވެ. އޭނާގެ އަޑުގައި ވަނީ އިންތިހާ އޯގާތެރިކަމެވެ.
''ލަޔާލް ދަނީތަ...........'' ލަޔާލް ބޭރަށް ނުކުންނަން ހިނގައިގަތުމުން ނޫރާ ސުވާލުކޮއްލިއެވެ. ނޫރާ ހީކުރީ ލަޔާލް ގެއަށް ދަނީކަމަށެވެ. އޭނާ ބޭނުންވީ ލަޔާލް އަދި އަންނާނެތޯ ނުވަތަ ނޫންތޯ ޔަޤީންކުރާށެވެ. އެކަމަކު އޭނާ އަށް ސީދާ އެހެން އަހާކަށް ނުކެރުނެވެ.
''އެބަ އަންނަން މިސްކިތަށް އަރާލާފަ..........'' ލަޔާލް ނުކުމެގެން ދިއުމުން ނޫރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އެއްޗިހި ބަދަލުކޮށްލުމަށްފަހު ވުޟޫކޮށްލިއެވެ. ނަމާދުކޮށްލުމަށްފަހު އެނދުގައި އޮށޯވެ ލޯމަރާލުމާއެކު ލަޔާލް ދެއްކި ވާހަކަތަކާމެދު ވިސްނާލެވުނެވެ. ހަމްޒާއާ ބެހޭގޮތުން ލަޔާލް ބުނެލި އިބާރާތްތައް ހަނދާންވުމުން ހަމްޒާމަތިން ނޫރާ މިސްވާންފެށިއެވެ. ހަމްޒާގެ ހަނދާންތައް އާވެގަތެވެ. އެއީ މިހާރު އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެނަސް އޭނާގެ އަމިއްލަ ބާރެއް އެކަމަކަށް ނުހިގައެވެ. ހަނދާން ކުރަން ބޭނުން ނޫނަސް ހަމްޒާމަތިން އޭނާ ހަނދާންވެއެވެ.
********
ލަޔާލްއަށް ގެއަށް އާދެވުނީ ތަންކޮޅެއްލަހުންނެވެ. މިސްކިތުން ފޭބިތަނާ ދިމާވި ރައްޓެހިން އޭނާ ހިފެހެއްޓީއެވެ. އެމީހުނާއެކު ކޮފީއަށް ދާން ޖެހުނީއެވެ. އެފަދަ ވަގުތުކޮޅެއް ހޭދަކޮއްލަން ލަޔާލްވެސް ބޭނުންވެފައި ހުރުމުން އެތަނުގައި ރައްޓެހިންނާއެކު މާ ގިނައިރު އިނދެވުނީއެވެ.
ލަޔާލް ގެއަށް ވަންއިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. ލަޔާލް ދެފަހަރަކު ޓަކިޖަހާލިއެވެ. ނޫރާގެ ޚަބަރެއް ނުވުމުން އޭނާ ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑުއަލިކަމެވެ. ނޫރާ އޮތީ ނިދާފައެވެ. ލަޔާލް މަޑުމަޑުން އެނދުކައިރިއަށް ޖެހިލިއެވެ. ނޫރާގެ މަގަތުން އެނދުގައި އިށީދެލިއެވެ. ނޫރާގެ ރީތި މޫނަށް ބަލަން އޭނާއަށް އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. އެއީ ލަޔާލްގެ ހަލާލު އަނބިމީހާއެވެ. ޤުދުރަތުން ނޫރާއަށް ދެއްވާފައިވާ ރީތިކަމަށް ލަޔާލްއަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. ރީތިކަމާ އެއްވަރަށް ކިޔަމަންތެރިކަމާ މައުސޫމް ކަން އެމޫނުން ފެނެއެވެ. އެހާ ގާތުން އެހާ މިނިވަންކަމާއެކީ އެފަދަ ގޮތަކަށް ނޫރާއާ ދިމާއަށް ބަލާލެވުނު މިއީ ފުރަތަމަ ފަހަރުކަމުގައި ވާތީ ނޫންކަމެއްވެސް ނޭނގެއެވެ. ލަޔާލް ގެ ނަޒަރު ނޫރާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ވަކިކޮށެއް ނުލެވުނެވެ. އިންސާނީ ޠަބީއަތާ އޭނާއަކަށް ދެކޮޅެއް ނުހެދުނެވެ. މީގެ ކުރިން އޭނާގެ ހިތުގައި އުފެދިފައިވާ ނުވާޒާތުގެ ތަފާތު ޝުއޫރުތަކެއް އޭނާގެ ހިތުގައި އުފެދެންފެށިއެވެ. އިޚްތިޔާރުން ބޭރުގައި ވިސްނުން އުދުހިގެންފާނެހެން ހީވެއެވެ.
ކުއްލިއަކަށް ނޫރާ ފުރޮޅިއެވެ. ލަޔާލް އިށީނދެގެން އިން ދިމާލަށެވެ. އެވަގުތު ނޫރާގެ އަތުން ލަޔާލްގެ ބުރަކަށީގައި ޖެހުމާއެކު ނޫރާއަށް ހޭލެވުނެވެ. ލޯހުޅުވާލުމާއެކު ފުންމައިގެން ތެދުވެވުނެވެ. ލަޔާލާ ދުރަށް ޖެހިލަމުން އެނދުގައި އިށީދެލިއެވެ. އެގޮތަށް އެހާ ގާތުގައި ލަޔާލް އިނުމުން ނޫރާގެ ހިތްތެޅެންފެށީ އަމަށަކު ވަރަކަށް ނޫނެވެ.
ވިހުރުވިފައިވާ އިސްތަށިގަނޑު ދެއަތުން އެއްކޮއްލާ ހިފަހައްޓާލިއެވެ. އެނދުގައި އަތް ކައްތާލީ އެތަނުގައި އޭނާ ބޭއްވި ވޫލްކޮޅު ފެނޭތޯއެވެ. ލަޔާލް ތެދުވިއެވެ. ނޫރާއާ ގާތަށް ޖެހިލަމުން ނޫރާގެ އިސްތަށިގަނޑުގައި ލަޔާލް ދެއަތުން ހިފަހައްޓާލިއެވެ. ނުހަނު ލޯތްބާ އޯގާތެރިކަމާއެކު އެކުގައެވެ. އޭރު ނޫރާ ހޯދަމުން އެދާ ވޫލްކޮޅު އޮތީ ލަޔާލް އަތުގައެވެ. ނުހަނު އޯގާތެރިކަމާއެކު ލަޔާލް ނޫރާގެ އިސްތަށިގަނޑު އައްސާލަދިނެވެ. ލަޔާލްގެ އެ ހަރަކާތުން ނޫރާ ހައިރާންވިއެވެ.
''އޯކޭތަ.........'' ލަޔާލް އަލުން އެނދުގައި އިށީންނަމުން ނޫރާގެ އިސްޖެހިފައިވާ މޫނަށް ބަލާލިއެވެ. ނޫރާ އަނގަޔަކުން ނުބުނެއެވެ. އޭނާ އިނީ ލަދުންގޮސް ހަލާކުވާވަރު ވެފައެވެ. ނޫރާ ބޭނުންވީ އެނދުންފައިބާށެވެ. އެކަމަކު ލަޔާލް އިންގޮތުން ލަޔާލްގައިގައި ނުޖެހި ދެވޭކަށްވެސް ނެތެވެ. ލަޔާލް ކަޅި ޖަހާނުލާ ނޫރާއަށް ބަލާތީ އޭނާއަށް އުނދަގޫވަނީއެވެ.
ނޫރާ މަޑުމަޑުން ކުރިއަށް ޖެހިލާ، ދެފައި އެދުން ބޭލިއެވެ. އަދި ތެދުވެގެން ހިނގައިގަތެވެ. ލަޔާލްއާ ދުރަށެވެ. އެހިނދު ލަޔާލް ހުޝިޔާރު ކަމާއެކު ނޫރާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ކުއްލި ހަރަކާތަކާއެކު ލަޔާލްއާ ގާތަށް ނޫރާ ދަމާލިއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 22 އޭޕްރީލް އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް