ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުވަންދެން ސްޓެލްކޯގެ ޓީމު އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެކަމުގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމްޑީ ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު ވަނީ މާލެ އައިސްފައި ކަމަށާއި އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ދަނީ ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށެވެ.
"މާތް ﷲ ގެ އިރާދަފުޅާއެކު، ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ. މިކަން ޙާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން." އެމްޑީ ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށި ސިޓީއަށް ކަރަންޓުދެމުން އަންނަނީ ފެނަކައިންނެވެ. ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނަކައާއި ސްޓެލް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް