އަލްމަޝްއަރު ކުންފުނީގެ މައްސަލަ ފުލުހަށް ހުށަހެޅީ އަނެއްކާވެސް ޢުމްރާއަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނާތީ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މައްސަލައާއި ގުޅޭގޮތުން މިއަދު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އަލްމަޝްޢަރު ޓުއާރސް ނަމަކަށް ކިޔާ ކުންފުންޏަކުން، އެ މިނިސްޓްރީން ދޫކުރާ ޢުމްރާއަށް މިހުން ގެންދިޔުމުގެ ހުއްދަ ނެތި، ޢުމްރާއަށް މީހުން ގެންދާކަމާއި، މިގޮތުން މި ކުންފުނިން ނަގަންޖެހޭ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެގުމަށް މި މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް ދައްކައިގެން، އޮޅުވާލައިގެން ޢާންމު ރައްޔިތުން އަތުން ފައިސާނަގަމުންދާކަމާއި، އަދި މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިޔަ ފަރާތްތަކަށްވެސް ރާއްޖެ ނާދެވިފައި ތިބި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި މިކަމާ ގުޅިގެން މި މައްސަލަ ތަހުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިހާރު ފޮނުވާފައިވާނެކަމަށެވެ.
"ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާއި، އެކަމަށް ފައިސާ ނެގުމަކީ މަނާކަމެއް، މަތީގައި ބަޔާންކޮށްފައިވާ "އަލްމަޝްއަރު ޓުއާރސް" މެނޭޖިންގ ޑިރެކްޓަރ އަލީ ފާރިޝްއަކީ މި މިނިސްޓްރީ ހުއްދަ ބާތިލުކޮށްފައިވާ "އަލްމަޝްއަރު ޙައްޖު އެންޑް ޢުމްރާ" ކުންފުނީގެވެސް މެނޭޖިން ޑިރެކްޓަރު، އެހެންކަމުން މި ކުންފުންޏަށް ނުވަތަ މީނާއަށް އެއްވެސް ފަރާތަކުން ޢުމްރާއަށް ދިއުމަށްޓަކައި ފައިސާ ނުދެއްކުމަށާއި، ޢުމްރާއާގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަން" މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާއިބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަނެތި ވިޔަފާރި އުސޫލުން ޢުމްރާއަށް މީހުން ނުގެންދިޔުމަށާއި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފުކަމެއްކަމަށާއި އަދި މި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ، އެފަރާތަކުންކަންވެސް އެންމެހައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށެވެ. އަދި ޢުމްރާގެ ޚިދުމަތް ދިނުމަށް މި މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓްގައި ޢާންމުކުރެވިފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް