އޮފީސްތަކުގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބާއްވަނީ

ދިވެހި ބަހުގެ އެކެޑަމީ އިން އޮފީސްތަކުގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ދިވެހި ބަހުގެ ދުވަސް 2024، ފާހަގަކުރުމުގެ ގޮތުން ބާއްވަން ނިންމާފައިވާ މި މުބާރާތާއި ބެހޭގޮތުން އެ އެ...

17 Apr 2024 | 07:49

ދިވެހި ބަހުގެ އެކެޑަމީ އިން އޮފީސްތަކުގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ދިވެހި ބަހުގެ ދުވަސް 2024، ފާހަގަކުރުމުގެ ގޮތުން ބާއްވަން ނިންމާފައިވާ މި މުބާރާތާއި ބެހޭގޮތުން އެ އެކެޑަމީން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންލަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުން ކަމަށެވެ.

މުބާރާތުގައި ކޮންމެ އޮފީހަކުންވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މުބާރާތަކުގައި ބައިވެރިވާ ކޮމންމެ އޮފީހަކުންވެސް މުބާރާތް ބަހައިލެވިފައިވާ މައިގަނޑު ދެ ބައިގެ ތެރެއިން ކޮންމެ ބަޔަކުންވެސް ގިނަވެގެން ފަސް މުވައްޒަފަކު ބައިވެރި ކުރެވިދާނެކަމުގައި އެކެޑަމީން ބުނެފައިވެއެވެ.

"މި މުބާރާތް ބަހައިލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށް، އެއީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނައިގެ ބައި، ދެބައިގައިވެސް ބައިވެރިން ލިޔަންވާނީ މުބާރާތުގެ ޤަވާއިދާއެކު އެކެޑަމީން ފޮނުވާ ޚާއްޞަ ލިޔުމެއް، ލިޔުންތައް ލިޔަންވާނީ އެކެޑަމީން އެކަމަށް ޚާއްޞަކޮށްފައިވާ ކަރުދާހުގައި، ލިޔާނީ ދެލި ނުފޭދޭ ކަޅު ނުވަތަ ނޫ ދެލީގެ ގަލަމަކުން" އެކެޑަމީން ބުނެފައިވެއެވެ.

މި މުބާރާތުގައި އޮފީސްތަކުން ބައިވެރިކުރާ މުވައްޒަފުންގެ މަޢުލޫމާތާއި މުބާރާތާ ގުޅޭ ލިޔުންތައް މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ އެކެޑަމީއަށް ހުށަހަޅަން ބުނެފައިވެއެވެ.

އެކެޑަމީން ބުނެފައިވާގޮތުގައި މުބާރާތުގައި ކޮންމެ ބަޔަކުވެސް އެންމެ ރީތި 10 ލިޔުން ހޮވައި އެއިން ކޮންމެ ލިޔުމަކަށް 500 ރުފިޔާގެ ފައިސާގެ އިނާމަކާއި ސެޓްފިކެޓާއި އަދި ތަށި ދޭނެއެވެ. އެއްވަނަ އޮފީހަށް ތައްޓާއި ސެޓިފިކެޓާއި އިނާމު ދޭނެއެވެ. އަދި ދެވަނަ އަދި ތިންވަނަ އޮފީހަށް ސެޓްފިކެޓާއި އިނާމު ދޭނެއެވެ.

މި މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް ތިރީގައިވާ ލިންކުން ލިބޭނެކަމުގައި އެކެޑަމީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް