އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދެއްވާ ޝިޕް މާލެ ގެނެސްފައިވާކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށާއި އަދި މިކަމަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރުން މިހާރުވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކުރުމަށް ނިންމަވާފައި ކަމަށެވެ.
މިގޮތުން ދެއްވާ އުޅަނދު ވަނީ 2023 އޭޕްރީލް 15 ވަނަ ދުވަހު މާލެ އައިސްފައި ކަމަށާއި އަދި މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ދަނީ ކުރަމުން ކަމުގައި ބުނެފައިވެއެވެ.
"މިގޮތުން މިއަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްދަނީ ހިންގަމުންނެވެ. ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިފަހަރު އިންޑިޔާއިން ހަދިޔާކުރުމަށް ހަމަޖެހިފައިވާ އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، ފަހުގެ އުޅަނދެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ. އަދި މިއުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަންކުރެވޭނެ ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގައި ކަމުގައި އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން މިއުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތު ކުރެވިފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާކުރައްވާފައިވާކަންވެސް އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް