ކުރީ ހަފްތާއާއި އަޅާ ބަލާއިރު ނިމިދިޔަ ހަފްތާގައި ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ ޕޮޒިޓިވް ވި އަދަދާއި އެޑްމިޓް ކުރި އަދަދު ބޮޑުތަނުން އިތުރު ކަމަށް ދައްކައިފިއެވެ.
އެގޮތުން މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ކުރީ ހަފްތާގައި ޕޮޒިޓިވް ވި އަދަދަކީ 84 އެވެ. ނިމިދިޔަ ހަފްތާގައި މި އަދަދު ވަނީ 148 އަށް އަރާފައެވެ.
އެޑްމިޓް ކުރި އަދަދަށް ބަލާލާއިރު ކުރީ ހަފްތާގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ 17 މީހަކަށެވެ. ނިމިދިޔަ ހަފްތާގައި މި އަދަދު ވަނީ 28 އަށް އަރާފައެވެ.
މިހާރު ކޭސްތައް ހުރި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި-އޮގަސްޓަށްފަހު މައްޗަށް ގޮސްފައިނުވާވަރުގެ މަތީ އަދަދެކެވެ.
ފާއިތުވި ހަފްތާގެ ކޭސްތަކުގެ ބްރޭކްޑައުންއަށް ބަލާލާއިރު މާލެ އޭރިއާއިން 100 މީހަކު އަދި ރަށްރަށުން 11 މީހަކު އަދި ރިސޯޓުތަކާއި އެހެނިހެން ސަރަހައްދުތަކުން 37 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިދިޔަ ހަފްތާގައި ރަށްރަށުން 11 މީހަކު ޕޮސިޓިވް ވެފައިވާއިރު ކުރީ ހަފްތާގައި އެއްވެސް ރަށަކުން މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވަމުން އަންނަކަން ތަފާސް ހިސާބުތަކުން ދައްކަމުން އަންނައިރު ކޮވިޑާއި އަރިދަފުސް ރޯގާއާއިމެދު އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް