ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިންގެ މަސައްކަތްތައް މި ރަމަޟާންމަހަށްފަހު ފައްޓަވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ދައުލަތުގެ މިޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޟު ވިދާޅުވެފައިވަނީ ރޯދައަށްފަހު ފަށާނެ އެންމެ މުހިންމު ކަމަކީ ރައީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްކަމަށެވެ.
އަދި ރޯދައަށްފަހު ބައެއް މަސައްކަތްތައް ފަށާއިރު، އިންތިޚާބަށް ތައްޔާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ފައްޔާޟް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައްޔާޟް ވަނީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން އެ ރައްޔިތުންގެ ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ޕާޓީއެއްކަން ފާހަގަކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި ރައްޔިތުންގެ ރައުޔު ހޯދުމަކީ ކެމްޕެއިން މަސައްކަތުގައި އެންމެ އިސްކަމެއް ދޭނެ އެއް ކަންތައްކަމުގައި ވިދާޅުވެފައެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
މި އިންތިޚާބުގައި ވާދަކުރަން ސަރުކާރު ހިންގާ މައި ޕާޓީން ރައީސް ޞާލިހް ނިންމަވާފައި ވާއިރު އެމްއެންޕީން ވާދަކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އެވެ. ޕީޕީއެމުން ތަކުރާރުކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ހާމަކުރަމުން އައި ނަމަވެސް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީން އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް