ފެނަކައިގެ ދަރަނި ބޮޑުވާ މައްސަލަ އަވަސްކޮށް ބަލައިދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ.
އެގޮތުން މި ގަރާރުގައި ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ވަނީ ގޮވާލާފައެވެ.
އަދި ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ 2.8 ބިލިޔަން ރުފިޔާ ނުދެވި އޮތުމުން ކުންފުނިތަކުގެ މާލީހާލަތު ދަށްވެ ގޮތް ހުސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ހަމައެހެންމެ އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަ ނުދެވި ބައެއް ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
ފެނަކައިގެ ދަރަނި ބޮޑުވާ މައްސަލަ އަވަސްކޮށް ބަލައިދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވާއިރު، ފެނަކައަށް ބޭނުންވާ ތަކެތި ސަޕްލައިކުރާ ކުންފުނި ތަކަށް ފައިސާ ނުދޭތީ ފެނަކަ އޮފީސް ކައިރީގައި މިދިޔަ ހަފްތާގައި ވަނީ މުޒާހަރާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް