އަރބަންކޯއިން އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލައިފި

އައު ހުނަރުތައް ތަރައްގީކުރުމާއި، ވަކި މަސައްކަތުގެ ދާއިރާތަކުން ޚާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީން ހޯދައިދިނުމުގެ އަމާޒުގައި، އަރބަންކޯ އިން ކުރިއަށްގެނ...

17 Apr 2023 | 06:26

އައު ހުނަރުތައް ތަރައްގީކުރުމާއި، ވަކި މަސައްކަތުގެ ދާއިރާތަކުން ޚާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީން ހޯދައިދިނުމުގެ އަމާޒުގައި، އަރބަންކޯ އިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އާރަބންކޯއިން މިއަދު ބުނީ ޖުމްލަ ހަ ދާއިރާއަކުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލެވިފައިވާއިރު، ޖުމްލަ 100 ބައިވެރިންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން އެއީ އާންމުންގެ ތެރެއިން 82 ފަރާތާއި އަރބަންކޯގެ މުވައްޒަފުންނަށް ޚާއްސަކުރެވިފައިވާ 18 ޖާގަ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

އާރބަންކޯއިން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތަކުގެ ތެރޭގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ ސެކްޓަރ ހިމެނޭހެން ސޯޝަލް ސެކްޓަރ، އައިސީޓީ، ޓްރާންސްޕޯޓް ސެކްޓަރ، ޓުއަރިޒަމް ސެކްޓަރ އަދި ކޮންސްޓްރަކްޝަން ސެކްޓަރ ހިމެނޭ ކަމަށެވެ.

މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވާނެ ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނިގެންދާއިރު، ދަނޑުވެރިކަމާއި، ކޮމްޕިއުޓަރ ހާޑްވެއަރ، ހެވީ ވެހިކަލް އޮޕަރޭޝަންސް، އަދި ވެލްޑިންއާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާރަބަންކޯ އިން ބުނެފައި ވެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާވެސް ލިބިގެންދާނެއެވެ.

އަދި 6 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޚާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާ ލިބިގެންދާނެ ކަމަށް އާރބަންކޯ އިން ބުނެފައި ވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މި އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލެވިފައި ކަމަށް އާރބަންކޯއިން ބުނެފައި ވެއެވެ.

މީގެ އިތުރުން އާރބަންކޯ އިން ބުނީ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާއިރު، މީގެ ބައިވެރިންނަށް ސެޓްފިކެޓު ހާސިލްވުމާއި އެކު، ހޮވޭ ފަރާތްތަކަށް އަރބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް