ރާއްޖޭގެ މައި ބޭންކު، ބީއެމްއެލް އިސްލާމިކްގެ ވިޔަފާރީގެ އެކައުންޓުތަކަށް ހާއްސަ މާސްޓަކާޑުގެ ޑެބިޓް ކާޑު ތައާރަފުކޮށްފި އެވެ.
ބޭންކުން ބުނީ މިއަދު ތައާރަފް މިކުރެވުނު ޑެބިޓް ކާޑަކީ ވިޔަފާރިތަކަށް އާ ޕޭމަންޓް ސޮލިއުޝަނެއް ހޯދައިދިނުމަށް ބޭންކުން ތައާރަފު ކުރި ކާޑެއްކަމަށެވެ. އޭގެ ސަބަބުން ވިޔަފާރި އެކައުންޓުތައް ބޭނުން ކުރުމާއި ވިޔަފާރީގެ ހަރަދުތައް ބަލަހައްޓައި ނަގުދު ފައިސާއިން ކުރާ މުއާމަލާތުތައް ބަލަހައްޓަން ފަސޭހަވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ކާޑުގެ ސަބަބުން، ކުރިއަރުމުން އަންނަ ވިޔަފާރިތަކަށް ފަސޭހަވާނެ ކަމަށެވެ. އޭގެ ސަބަބުން ކޭޝްލެސް ޕޭމަންޓް ހިދުމަތް ބޭނުން ކުރަން މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލަށް ތައާރަފު ކުރެވުނު މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެހީވެ، ގިނަ ވިޔަފާރިތަކުން ބޭނުންވާ ފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހި ކޮށްދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރެވުނު ހިދުމަތެއް،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލްގެ އެހެނިހެން ކާޑުތަކާ އެއްގޮތަށް އަލަށް ތައާރަފުކުރި ޑެބިޓް ކާޑުގައި ވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާތައް ހިމެނޭނެ އެވެ. އެ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މުއާމަލާތު ކުރެވޭނެ އެވެ.
ބީއެމްއެލުން އަންނަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 80 ސެލްފް ސާވިސް ސެންޓަރާއި 138 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ވެސް ބޭންކުގެ ބައެއް ހިދުމަތްތައް މިހާރު ފޯރުކޮށްދެ އެވެ.
މީގެ އިތުރުން ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަަން މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތާއި ބޭންކުގެ އެކި ހިދުމަތްތަކަށް އެދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް