މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަން ފަހަނައަޅާ ގޮސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 65،683 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި އަދަދު ހާސިލުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާއި އަޅާބަލައި އިރު، 22،000 ޓޫރިސްޓުންގެ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދުގެ ބޮޑު ބައެއްގެ ގޮތުގައި ހިމެނެނީ އިނގިރޭސި ވިލާތުގެ ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ލީޑިން މާކެޓްގެ ގޮތުގައި އިނގިރޭސި ވިލާތް ހިމެނުނު ފުރަތަމަ ފަހަރެވެ.
ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ ޓޮޕް މާކެޓްތަކުގެ ތެރެއިން އިނގިރޭސި ވިލާތް ހިމެނިފައިވަނީ ފަސް ވަނައިގައެވެ. 2019 ވަނަ އަހަރުގެ އެއްވަނަ މާކެޓަކީ ޗައިނާއެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިންޑިއާ އިން އައިސްފައިވާއިރު އެގައުމުން 54،532 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.
އަދި ރާއްޖޭގެ ޓޫރިޒަމްގެ މިއަހަރުގެ ޓޮޕް ތިންވަނައި ގައި އޮތް ރަޝިއާ މިވަގުތު ވެސް އޮތީ ތިންވަނައިގައެވެ. އަދި އެ ޤައުމުން މިހާތަނަށް 53،716 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މިއަހަރުގެ ޓޮޕް މާކެޓްތަކުގެ ތެރޭގައި ދެން ހިމެނެނީ، ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލެންޑް އަދި އޮސްޓްރިއާގެ އިތުރުން ސައުދީ އަރަބިއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް