ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑް ލަވަކިޔުންތެރިޔާ ދާއޫދު ކިމް 39އ، 2019 ވަނަ އަހަރު އިސްލާމްވުމަށްފަހު ފުރަތަމަ ފަހަރަށް އުމްރާގެ އަޅުކަން އަދާކޮށްފިއެވެ.
ދާއޫދުގެ އިންސްޓަގްރާމްގައި މާތްވެގެންވާ ގެފުޅުގެ ކައިރީގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ މާތްވެގެންވާ މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރުމުގެ ނަސީބު ލިބުނީތީވެ އޭނާއަކީ 'އެންމެ ނަސީބުގަދަ މީހާ' ކަމަށެވެ.
އަދި އޭނާ ބުނީ ދުނިޔޭގެ އެންމެ މުޤައްދަސް ބިމަށް ޒިޔާރަތް ކުރުމުގެ ނަސީބު ލިބުނީތީވެ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރާ ކަމަށެވެ.
ކުރިން ޖޭ ކިމްގެ ނަމުން މަޝްހޫރުވެފައިވާ ދާއޫދު ކިމް ކުއްލިގޮތަކަށް 2019 ވަނަ އަހަރު އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަނީ އިސްލާމް ދީން ގަބޫލުކުރިކަން ހާމަކޮށްފައެވެ. އަދި އޭގެ ފަހުން ޖޭ ގެ ނަމުން ދާއޫދުގެ ނަމަށް އޭނާގެ ނަންވަނީ ބަދަލުކޮށްފައެވެ.
އިސްލާމްދީން ޤަބޫލު ކުރުމަށްފަހު ދާއޫދު މީގެ ކުރިން ބުނެފައި ވަނީ އިސްލާމްދީނުގެ ހިދާޔަތް ލިބުން އެއީ މިދުނިޔެ މަތީގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ނިޢުމަތް ކަމުގައެވެ.
ދާއޫދު ކިމް އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ތަރި އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް