ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އިމިގްރޭޝަނުން ވަރުގަދަ އިންޒާރެއް ދީފި އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް މަސައްކަތް ކުރާނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން ބިދޭސީ މީހާއަށާއި އޭނާ އާއި ހަވާލުވާ މީހާއަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ކުށެއްގައި ޝާމިލްވާ ދިވެހިންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.
އިމިގްރޭޝަން ގާނޫނުގެ ދަށުން އެގޮތަށް މަސައްކަތް ކުރާ ބިދޭސީ މީހާ 15،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި އޭނާ އާއި ހަވާލުވެގެން ހުންނަ ދިވެހި މީހާ 50،00 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
އިމިގްރޭޝަނުން އެފަދަ ފަރާތްތަކަށް އިންޒާރު ދީފައި މިވަނީ މިހާރަކަށް އައިސް ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުން މަސައްކަތް ކުރުން އިތުރުވެފައިވަނިކޮށެވެ. ހާއްސަކޮށް ބަންގްލަދޭޝްއިން މަސައްކަތް ކުރުމަށް އަންނަ މީހުންނަށް ވޯކް ވިސާ ނުލިބޭތީ ޓޫރިސްޓު ވިސާގައި އެތެރެވެ މަސައްކަތް ކުރާކަމުގެ ޝަކުވާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.
މީގެ އިތުރުން ޓޫރިސްޓު ވިސާގައި އައިސް މުޒާހަރާތައް ފޮޓޯ ނަގާ މީހުންނާއި މެދުވެސް ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ ޑީޕޯޓުކޮށްލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް