ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ފައިސާ ގޯނި ހިފަިއގެން ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބެއްސެވި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު ވިދާޅުވީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އޭނާ އެދުވަހު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ވެސް މަދު މެންބަރު ނޫނީ ފައިސާގައި ހިފި ކަމަށެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު އަމިއްލަ ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި މުހައްމަދު ހުސައިން ބެއްސެވީ ކޮންތާކުން ލިބުނު ކޮން ފައސާއެއްތޯ ބަލައި ދިނުމަށާއި، ކޮން ކަމަކާ ގުޅިގެން ކޮން ފަރާތަކުން ބުނެގެން ބަހާފައިވާ ފައިސާތަކެއްތޯ ބަލައި ދިނުމަށާއި އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދިފައިވެއެވެ.
މުހައްމަދު އިސްމާއިލް ވަނީ އެ މައްސަލައިގަ މީގެ ކުރިން އޭސީސީއަށްވެސް ހާޒިރު ކޮށް ބަޔާންނަގާފައި އެވެ. އަދި ފަހުން އިދިކޮޅު ފަރާތްތަކުން ފާޑު ކިޔުމުން ވިދާޅުވެފައިވަނީ އެވާހަކަތައް ދެއްކީ ސިޔާސީ ގޮތުން ކަމަށާއި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަން ފެށީ ފާޅުގައި ރިޝްވަތުގެ ފައިސާ ހިފައިގެން ވަޑައިގެންނެވި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވަނިކޮށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުވާ އުފުލާފައިވާތީ ކަމަށް އެމީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް