ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގަށް ސާފު ފައިދާގެ ގޮތުގައި 701 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނެރެފައިވާ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފަ ވެއެވެ. މިއީ 9.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ދިރާގުން ބުނެފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ނޮން ވޮއިސް ހިދުމަތްތަކުން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ ހިއްސާއަކަށް 4.7 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ.
އޭގެ އިތުރުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުގެ ތެރެއިން ކަނޑައަޅުއްވާ ޑިރެކްޓަރުގެ މަގާމަށް މިހާރުވެސް އެ މަގާމުގައި ހުންނެވި އިމްރާން އަލީ ވަނީ އިންތިހާބުކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހަކަށް ހަމަ އެކަނި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅުއްވާފައިވަނީ ވެސް އޭނާގެ ނަމެވެ. އޭނާ އެ މަގާމަށް އަލުން އިންތިހާބުވެފައިވަނީ 77 ހިއްސާދާރުންގެ ވޯޓު ލިބިގެންނެވެ.
ދިރާގުން ބުނެފައިވަނީ މިދިޔަ އަހަރު އެކުންފުނިން ވަނީ އޭގެ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ދޭއް އިންސައްތަ ކުޑަކޮށްފައި ކަމަށާއި އަދި ޓެކްސްގެ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.
ދިރާގަށް ސާފު ފައިދާގެ ގޮތުގައި 2013 ވަނަ އަހަރު ލިބިފައިވަނީ 642 މިލިއަން ރުފިޔާ އެވެ. އެ އަހަރު އާމްދަނީ ހިއްސާ އަށް ޖެހިފައިވަނީ 8.46 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް