އެމްޑީޕީގެ އެކްޓިވިސްޓުން ގަޔަށް ކަޅުތެޔޮ ޖެހި ޖެހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން،2025 މާރިޗު 17 ވަނަ ދުވަހުގެ ރޭ އެމް.ޑީ.ޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށްފަހު ދަންވަރުގެ ވަގުތެއްގައި ގެއަށް ދިޔަ މަގުމަތީގައި އެމް.ޑީ.ޕީގެ 2 މެމްބަރެއްގެ ގަޔަށް، ކާކުކަން ނޭނގޭގޮތަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަޅުތެޔޮ ޖަހާފައިވާތީ އެކަން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
"މިފަދަ މައްސަލަތަކާ ގުޅިގެން މައްސަލަތައް ބެލުމުގެ އިޙްތިޞާސް އޮންނަ ތަޙްޤީޤީ އިދާރާތަކާއި މުއައްސަސާތަކުން މިފަދަ މައްސަލަތައް އިސްނަގައިގެން ބެލުމަށާއި، މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުޤީޤުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް ގޮވާލަން، ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއްބަޔަކު އަނެއްބައެއްގެ ހައްޤުތަކަށް އިހްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރަން، އަދި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރަން" އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
ކަޅުތެޔޮ ހަމަލަ އަމާޒުވީ އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމުގައިވާ މަރިޔަމް ޒުބައިރު (މަންދި) އަދި ލަމާން އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް