ހޫނު ގަދަވެ "ހީޓް ސްޓްރެސް" ގެ ހާލަތު ރާއްޖެއަށްވެސް މެދުވެރިވުމުގެ ފުރުސަތު ބޮޑުކަމުގައި މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ އެ އިދާރާއިން މިއަދު އާންމުކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި މެޓުން ބުނެފައިވަނީ އަހަރުގެ ތެރޭގައި ފިނިހޫނުމިނުގައި މާބޮޑު ތަފާތުތަކެއް ފާހަގަ ނުކުރެވުނު ނަމަވެސް، މުޅި ރާއްޖެއަށް އެންމެ ހޫނުގަދަވާ މަހަކީ އޭޕްރީލް މަސް ކަމަށެވެ. މާރިޗް މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގައި ވައި މަޑުވުމާއި އަދި ސީދާ ރާއްޖެއާ ދިމާ މަތީގައި އިރު ހުރުމާއި އަދި ވިލާ މަދުވުމުގެ ސަބަބުން ތެތް ހޫނުވައި ގިނަ ވަގުތު ދައުރުނުވެ އެއް ސަރަހައްދެއްގައި މަޑުޖެހޭ ކަމަށެވެ. މީގެ ސަބަބުން ހީޓް އިންޑެކްސް މަތިވާކަމަށެވެ.
"އެއީ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ފނިވުމަށްޓަކައި ބޭނުންވާ ދާހިއްލުމަށް ދަތިވެ، ވައިގެ އަސްލު ހޫނުމިނަށްވުރެވެސް އިތުރަށް ހޫނުކަން އިހުސާސް ކުރެވުން، އެގޮތުން އިހުސާސް ކުރެވޭ ހޫނުމިނަކީ ވައިގެ އަސްލު ހޫނުމިނާއި، ވައިގެ ތެތްކަން އަދި ވައި ޖެހޭ ބާރުމިނަށް ބަލައި ހިސާބުކުރެވޭ އަދަދެއް" މެޓުން ބުނެފައިވެއެވެ.
ވިދިވިދިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތި ނަމަ "ހީޓް ސްޓްރެސް" އޭ ކިޔާ ހާލަތު މެދުވެރިވާކަން ފާހަގަކޮށް މެޓުން ބުނެފައިވަނީ އެއީ ގަދަ ހޫނަށް ހަށިގަނޑު ބަރުދާސްތީ ގާބިލުކަން ކުޑަވަމުން ދިއުމުގެ ހާލަތު ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ހާލަތު ރާއްޖެއަށްވެސް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ދުވަހުގެ އެންމެ ހޫނުގަދަވަނީ އާއްމުގޮތެއްގައި މެންދުރުފަހު 1 އާއި 2 އާއި ދެމެދުގައި ނަމަވެސް ވިލާ ހުންނަ ގޮތުން މިގަޑިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާކަމުގައި މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް