އެމެރިކާއިން އިސްވެ ޔަމަނަށް ހަމަލަދިނުން – އާ ހަނގުރާމައެއްގެ ފެށުން !

ރާއްޖޭ ގަޑިން ބަލާނަމަ ހޮނިހިރު ދުވަހުގެ ރޭ، ރޭގަނޑު 11:00 ހާއިރު ޔަމަނުގެ ވެރިރަށް ސަނާއަށް ވައިގެ ހަމަލަތަކެއް އަމާޒުވިއެވެ. އެ ހަމަލާތަކުގެ އަސްލު އޭރު އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އޭގެ ގާތްގަނޑަކަ...

16 Mar 2025 | 23:58

ރާއްޖޭ ގަޑިން ބަލާނަމަ ހޮނިހިރު ދުވަހުގެ ރޭ، ރޭގަނޑު 11:00 ހާއިރު ޔަމަނުގެ ވެރިރަށް ސަނާއަށް ވައިގެ ހަމަލަތަކެއް އަމާޒުވިއެވެ. އެ ހަމަލާތަކުގެ އަސްލު އޭރު އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

އޭގެ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުން، އެމެރިކާގެ ރައީސް، އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ދަ ޓްރުތު ނެޓްވޯކްގައި ޕޯސްޓެއް ކުރިއެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ޔަމަނުގެ ހޫޠީންނަށް އަމާޒުކޮށް ވަރުގަދަ ހަމަލަތަކެއް ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކޮށްފިން ކަމަށެވެ. ސަބަބަކީ ރަތްކަނޑުގައި އެމެރިކާގެ އާގު ބޯޓުތަކަށް ހޫޠީން ހަމަލާ ދޭތީ އެކަމުގެ ބަދަލުހިފުން ކަމަށް ބުނެފައިވެއެވެ.

"ކަލޭމެން ވަގުތު ހަމަވެއްޖެ، ކަލޭމެންގެ ހަމަލަތައް މިއަދުން ފެށިގެން ހުއްޓާނުލައިފިނަމަ ނަރަކަ ދައްކާލާނަން" ޓްރަމްޕްގެ އެ ޕޯސްޓްގައި ބުނެފައިވެއެވެ.

ފަސްމަންޒަރަށް ބަލައިލާއިރު އިސްރާއީލުން ޣައްޒާއަށް ހަމަލަދޭން ފެށުމުން ޣައްޒާގެ ދިފާޢުގައި ޔަމަނުގެ ހޫޠީން ހަމަލަ ދޭން ފެށީ އެމެރިކާގެ ވިޔަފާރިއާއި އެހެނިހެން ކަނޑު ބޯޓުތަކަށެވެ.

އެހެންނަމަވެސް އިސްރާއީލާއި ހަމާސް އާއި ދެމެދު ހަމަލަތައް ބަދަލުކުރަން ހުއްޓާލަން އެއްބަސްވިފަހުން ރަތްކަނޑުގައި ހޫޠީން އެފަދަ ހަމަލައެއް ދީފައެއް ނުވެއެވެ. އެންމެފަހުން އެފަދަ ހަމަލައެއް ހޫޠީން ދިނީ މީގެ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސްކުރިން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް އެކަމުގެ ބަދަލު ހިފުންކަމަށްބުނެ އެމެރިކާގެ އަސްކަރިއްޔާއިން މިވަނީ ޔަމަނަށް ހަމަލަ ދޭން ފަށާފައެވެ. ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި މިހާތަނަށް 170 އަށްވުރެ ގިނަ ވައިގެ ހަމަލަ ޔަމަނުގެ ވެރިރަށް ސަނާ، މެދުތެރޭގެ ޕްރޮވިންސްތައް ކަމުގައިވާ ބާއިދާ، މަރީބް އަދި ދަމާރްގެ އިތުރުން ހުޅަނގު ދެކުނުގެ ޕްރޮވިންސެއް ކަމުގައިވާ ތާއިޒަށް މިވަނީ ދީފައެވެ.

މި ހަމަލަތަކުގައި، މި ޚަބަރު ލިޔެ ޝާއިޢުކުރުމާއި ހަމައަށް 53 މަރު ރެކޯޑު ކުރެވިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ކުޑަ ފަސް ކުއްޖަކުވެސް ހިމެނޭ ކަމަށް ވެއެވެ.

އެމެރިކާއިން ބުނަނީ މި ހަމަލަތައް ހަފްތާ ތަކަކަށް ދެމިގެން ގޮސްދާނެ ކަމަށެވެ. އަދި އަމާޒަކީ ރަތްކަނޑުގައި އިތުރު ހަމަލައެއް ދިނުމުގެ ގާބިލުކަން ހޫޠީންގެ ކިބައިން ނެތިކޮށްލުން ކަމަށެވެ.

ހޫޠީންނަކީ އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާއިރު އީރާނުން މިކަމުގެ ތެރެއަށް ނުވަނުމަށްވެސް ޓްރަމްޕު އިންޒާރެއް ދީފައިވެއެވެ.

ނަމަވެސް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ވަނީ މި ހަމަލަތަކުގެ ރައްދު ދީފާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި ހޫޠީންގެ ވެރިޔާ އަބްދުލްމާލިކް އަލް-ހޫޠީވެސް ވަނީ އެމެރިކާގެ ހަމަލަތަކުގެ ރައްދު ދޭނެކަން އިއުލާނުކޮށްފައެވެ.

ހޫޠީންނަކީ ކޮންބައެއްކަމާއިމެދު ނަޒަރު ހިންގާލާއިރު، 1990ގެ އަހަރުތަކުގެ ތެރޭގައި އުފެދުނު ހޫޠީ ހަނގުރާމަވެރި ޖަމާޢަތުން ޔަމަނުގެ ވެރިކަން ކުރަން ފެށީ 2014 ހިސާބުގައެވެ. އޭރު ވެރިރަށް ސަނާ، ހޫޠީންގެ ބާރުގެ ދަށަށް ގެނެސް ޔަމަނުގެ އޭރުގެ ރައީސް އަބްދުލްމަންސޫރު ހާދީ އެ ގައުމު ދޫކޮށް ދާން މަޖުބޫރު ކުރުވިއެވެ.

ހޫޠީންގެ ބާރު ޔަމަނުން ކަނޑުވާލުމަށް ސައޫދީގެ ވާގިވެރިކަމާއެކު ހޫޠީންނާއި ހަމަލަތަކެއް 2015 އިން ފެށިގެން ބަދަލުކުރަން ފެށުނު ނަމަވެސް ހޫޠީން ބަލި ކުރެވިފައެއް ނުވެއެވެ.

އދ އިން މެދުވެރިއެއްގެ ރޯލު ކުޅެ، 2022 ވަނަ އަހަރު ސައޫދީއާއި ޔަމަނާއި ދެމެދު ސުލްހަ ގާއިމުކުރިއެވެ.

ހޫޠީން ރަތްކަނޑުގައި އެމެރިކާގެ ކަނޑުބޯޓުތަކަށް ހަމަލަ ދޭން ފެށީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. 2023 އިން ފެށިގެން އެފަދަ 145 ހަމަލައެއް ހޫޠީން ދީފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް