ދިރާގު ފުވައްމުލައް ރަން 2025 ގައި ބައިވެރިވާ ދުވުންތެރިންނަށް އެ ދުވުމަށް ރަޖިސްޓަރީކުރުމަށް ބާކީ އޮތީ އެއް ދުވަހެވެ. މި ދުވުމަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ 18 މާރިޗު 2025 އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ކެޓެގަރީތަކުގައި www.dfr.mv މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ވަނީ ހުޅުވައިލައިފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ 2 މެއި 2025 ވާ ހުކުރު ދުވަހެވެ. މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.
ޑީ.އެމް.އާރ.އާރ އާ އެއްފަދައިން، ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މި ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 232،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.
'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީ.އެމް.އެމް.އާރ ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް