ދިގު އިންތިޒާރަކަށްފަހު ދިވެހި ފިލްމު "ބީވީމާ" މޯބައިލް ސްކްރީންތަކަށް

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށްފަހު ޖުލައި މަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ ސްކްރީންތަކަށް ރިލީޒްކުރި އަހަރުގެ އެންމެ މަގްބޫލު އެއް ފިލްމު ކަމުގައ...

17 Mar 2024 | 15:12

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށްފަހު ޖުލައި މަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ ސްކްރީންތަކަށް ރިލީޒްކުރި އަހަރުގެ އެންމެ މަގްބޫލު އެއް ފިލްމު ކަމުގައިވާ ޑާރކްރެއިން އެންޓަޓެއިންމަންޓްގެ "ބީވީމާ" މިހާރު ފޯނު، ޓެބްލެޓް އައިޕެޑް ފަދަ މޯބައިލް ސްރީންތަކުންވެސް ބަލާލެވޭނެކަމުގައި މީޑިއާނެޓުން ބުނެފިއެވެ.

ފިލްމު ބީވީމާގެ ލީޑް ރޯލުތަކުން ފެނިގެންދަނީ އެކްޓިންގް އަށް އައު ނަމަވެސް ލަވަކިޔުމުގެ ދާއިރާގައި އެފަދަ ދެވަނައެއް ނެތް ފަރާތެއް ކަމުގައިވާ މަގްބޫލު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ތަޖުރިބާކާރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި އަރަމުން އަންނަ ތަރި އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމަކީ ދެކުނު އިންޑިއާގެ ފިލްމަކުން ޚިޔާލު ނަގައިގެން އުފައްދާފައިވާ ލޯބީގެ އަސަރުގަދަ އަދި މިސްޓީރިއަސް ފިލްމެކެވެ. "ބީވީމާ" މި ފިލްމަކީ ޑާރކްރެއިން އެންޓަޓެއިންމަންޓުގެ 13 ވަނަ ފީޗަރ ފިލްމުކަން ފާހަގަކޮށްލެވެއެވެ. މި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުހައްމަދު ޢަލީ (މޮގާ) އެވެ. ކެމެރާކޮށްފައިވަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވަނީ އެވޯޑް ހޯދާފައިވާ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.

ފާއިތުވި އަހަރު ޖުލައި މަހު "ބީވީމާ" މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ ސްކްރީނުތަކުން ގިނަ ބަޔަކު ވަނީ ބަލާފައެވެ. އަދި ގިނަ ބަޔަކަށްވަނީ މި ފިލްމު ވަރަށް ކަމުގޮއްސައެވެ. ރީތި ވާހަކައަކާއި މޮޅު އެކްޓިންގްގެ އިތުރުން މި ފިލްމުގެ މަންޒަރުތަކާއި ފިލްމުގައި ހިމަނާފައިވާ ރީތި މިއުޒިކު ދިވެހިންގެ ރަހަތަކާއި ވަރަށް ގުޅެއެވެ.

ވީޑިއޯކްލަބުން އަންނަނީ އެންމެ ފަހުގެ ދިވެހި އަމިއްލަ އުފެއްދުންތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ ދިވެހި ފިލްމު "ނީނާ" އަދި އެމް އޮރިޖިނަލްސް ބެނާރގެ ދަށުން އުފެއްދި "ޝަރުތު" ސީރީޒް އެ ޚިދުމަތުގައި ހިމަނާފައެވެ.

ވީޑިއޯކްލަބް ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށް އެންޑްރޮއިޑް ޕްލޭ ސްޓޯރ ނޫނީ އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް "އެމް އެސް މީޑިއާނެޓު" އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްފަހު މީޑިއާނެޓުގެ އޮންލައިން ޕޭމަންޓް ޕޯރޓަލް "ކުއިކް ޕޭ" މުދުވެރިކޮށް ސަބްސްކްރިޕްޝަން ޕެކޭޖެއް ނުވަތަ ވައުޗަރ އެއް ބައްލަވައިގެން ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ބަލާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް