ނަސީމާ އަކީ ނިކަމެއްޗެކެވެ. ހަގު އުމުރެއްގައި ކުރި އަލަތު ކައިވެންޏަކަށް ދަރިއަކު ލިބި ދަރިފުޅަށް އެއް އަހަރުވެސް ނުވަނީސް ނަސީމާގެ ފިރިމީހާ ވަނީ ކެންސަރު ބަލީގައި މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ނަސީމާއަކީ އާއިލާއެއްނެތް ޔަތީމަކަށް ވެފައި ނަސީމާގެ ފިރިމީހާގެ އާއިލާގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭތީ ނަސީމާގެ ދަރިފުޅު ނިމާލް ބަލައި ބޮޑުކުރަންޖެހިފައިއޮތީ ވަރަށްވެސް ހާލުގައެވެ. ނަސީމާއަކީ ނުކިޔަވައި ހުރި މީހަކަށް ވުމުން ރަނގަޅު ވަޒީފާއެއް ލިބޭގޮތެއް ނުވިއެވެ. ނަސީމާއަށް ޖެހުނީ އަންބޮޑި ނަގައި އުނަގަނޑުމަތީގައި އައްސާލައިގެން ރަށުގެ އެކިމީހުންނަށް އެކި މަސައްކަތް ކޮށްދީގެން އާމްދަނީއެއް ހޯދުމަށެވެ. މިހެން އުޅޭއިރު އެކިމީހުންގެ ފުރައްސާރައާއި މަލާމާތް ނަސީމާއަށް ރަށްދުވެއެވެ. އެހެންނަމަވެސް ނަސީމާ ވަރަށް ހިތްވަރުގަދައެވެ. ދެއްވަމުން ގެންދަވާ ނިއުމަތަށް ޝުކުރު ކުރެއެވެ. އެއްވެސް އިރެއްގައި ނަސީމާ މިދުނިޔެމަތީގެ މުއްސަނދިކަމަކަށް މުދާވެރިކަމަކަށް އެދިގެން ދުއާއެއް ނުކުރެއެވެ. ދުއާކުރަނީ އޭނަގެ ދަރިފުޅު ނިމާލް ހެޔޮލަފާ ދަރިއެއްގެގޮތުގައި ލައްވަވާ ނިމާލް އަށް ފާގަތި ދިރިއުޅުމެއް މިންވަރު ކޮށްދެއްވުމަށެވެ.
ނައީމާގެ މިދުއާ ދިޔައީ އިޖާބަ ކުރައްވަމުންނެވެ. ކިޔެވުމުން މުޅި ސުކޫލުން ނިމާލްއަކީ އެއްވަނައެވެ. އަހުލާގުގެ ގޮތުން މުޅި ރަށުގައިވެސް ނިމާލްފަދަ ދެވަނައެއްނެތެވެ. ނިމާލް އަށް ވަނީ ރަށު އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިފައެވެ.
ނިމާލްއަކީ ވިސްނުން ތޫނު މުރާލި ކުއްޖެކެވެ. މަދަރުސީ ހަޔާތް ނިންމާލުމާއިއެކު ނިމާލްގެ އަމާޒަކަށްވީ ވިޔަފާރިއެއް ފެށުމަށެވެ. ރަށުގެ މުއްސަންޖެއް އަތުން ނެގި ކުޑަ ލޯނަކުން ނިމާލް ކުޑަ ސައިހޮޓަލެއް ހުޅުވިއެވެ. މިހޮޓާގެ ބަދިގެ ހަވާލުކޮށްފައިވަނީ ނިމާލްގެ މަންމައާއެވެ. ހޮޓަލުގެ ހުރިހާ ހިސާބުތަކެއް ބެލެހެއްޓުމާއި ހޮޓާ ހިންގުމާއި ހަވާލުވެ ހުރީ ނިމާލްއެވެ. މި ހޮޓަލަކީ ރަށުގައި ހުޅުވުނު މިފަދަ ފުރަތަމަ ހޮޓާކަމަށް ވުމުން ވިޔަފާރި ވަރަށް ރަނގަޅަށް ކުރެވެއެވެ. ބޮޑު އާމްދަނީއެއް ލިބެއެވެ.
ނިމާލްގެ ވިސްނުން ތޫނެވެ. ބޮޑު އާމްދަނީއެއް ލިބެން ފެށުމުން ހިތްދަމާލައިފައި ގޭގައި އޮންނާކަށް ނިމާލް ބޭނުމެއް ނުވިއެވެ. ނިމާލް ބޭނުންވީ ވިޔަފާރި ފުޅާކުރުމަށެވެ. ލިބެމުންދިޔަ އާމްދަނީ އިން ހޮޓަލުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވިޔަފާރިއެއް ފެށުމަށް ނިމާލް އަޒުމު ކަނޑައެޅިއެވެ. ނިމާލް ދެން މިސްރާބުޖެހީ ރަށުގައި ގެސްޓްހައުސް ވިޔަފާރިއެއް ފެއްޓުމަށެވެ. ގެސްޓްހައުސް އެޅުމަށް ނިމާލް ތައްޔާރުކުރި ޕްރޮޕޯސަލް ވަރަށްވެސް ފުރިހަމައެވެ. މި ޕްރޮޕޯސަލްއަށް ނިމާލްއަށް ވަރަށް ފަސޭހައިން ގައުމީ ބޭންކުން ލޯނެއް ލިބުނެވެ. އަހަރެއްގެ ދުވަހުގެ މަސައްކަތުން ގެސްޓްހައުސް އަޅައި ނިމިއްޖެއެވެ. ގެސްޓް ހައުސް އަޅައި ނިމުމާއެކު އެޖެންޓެއް މެދުވެރިކޮށް ޓޫރިސްޓުން ގެސްޓްހައުސްއަށް ގެންނަން ފަށައިފިއެވެ. ގެސްޓްހައުސް އަބަދުވެސް އޮންނަނީ ފުރިފައެވެ. ނިމާލްގެ ރަށުގެ ހުދު ގޮނޑުދޮށާއި، ރީތި މޫދާއި ނަލަނަލަ ފަރަށް ރާއްޖެ ދެކިލަން އަންނަ ބޭރުގެ ފަތުރުވެރިން މާ ބޮޑަށް ހިތްކީއެވެ.
ގެސްޓްހައުސް ވިޔަފާރި ވަރަށް ކާމިޔާބެވެ. ލިބޭ އާމްދަނީ ވަރަށް ބޮޑެވެ. ނިމާލްއާއި ނިމާލްގެ މަންމަ އަކީ ރަށުގައި ތިބި އެންމެ މުއްސަނދި އާއިލާއަށް ވެއްޖެއެވެ. އެހެންނަމަވެސް މިހިސާބުންވެސް ހަމަޖެހިލާކަށް ނިމާލް ބޭނުމެއް ނުވިއެވެ. ނިމާލް ބޭނުންވީ މިހާރަށް ވުރެވެސް ވިޔަފާރި ފުޅާކުރުމަށެވެ. ނިމާލް ދެން އަޒުމު ކަނޑައެޅީ ޓޫރިސްޓް ރިސޯޓެއް ހުޅުވުމަށެވެ. ނިމާލްގެ ތަޖުރިބާއާއި ވިސްނުންބޭނުންކޮށް އެއަތޮޅުން ފަޅުރަށެއްހޯދައި ބޭރުގެ އިންވެސްޓަރެއްގެ އެހީގައި ޓޫރިސްޓް ރިސޯޓެއް ހަދައިވެސް ނިންމާލައިފިއެވެ. އެހެން ވިޔަފާރިތަކެކޭއެއްފަދައިން ރިސޯޓު ވިޔަފާރިވެސް ވަރަށް ކާމިޔާބެވެ. ނިމާލްއަކީ މިހާރު ގައުމުގައި ތިބި މަހުޖަނުންގެ ތެރެއިން އެކަކެވެ. އެހެންނަމަވެސް ނިމާލް މަޑުޖެހިލާކަށް ބޭނުމެއް ނުވިއެވެ. ނިމާލް ދިޔައީ އިތުރު ރިސޯޓުތައް ހުޅުވައި އޭގެ މަންފާ ލިބިގަންނަމުންނެވެ. އިތުރު ވިޔަފާރިތައް ފައްޓައި އޭނާގެ މިލްކިއްޔާތު ފުޅާކުރަމުންނެވެ. އިސާހިތަކު ގައުމުގައި ހުރި އެންމެ މުއްސަނދި މީހާއަށް ނިމާލްވެއްޖެއެވެ. ނިމާލްއަތުގައި ނެތްއެއްޗެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިމާލްގެ ގެދޮރުއެބަހުއްޓެވެ. އެގައުމުތަކަށް ދަތުރުކޮށްފައިދާނެ އަމިއްލަ ޖެޓް ނިމާލްގެ އަތުގައި އެބައޮތެވެ. އެއްގަމާއި ކަނޑުގެ ސަވާރީތައް ނިމާލްގެ އަތުގައި ގިނައެވެ. ނިމާލް ވަނީ އޭނަގެ މުއްސަނދިކަމަށް މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ.
ނިމާލްގެ ވިޔަފާރީގެ ކާމިޔާބީއާ ބެހޭގޮތުން ދުނިޔެއަށް މަޝްހޫރު ޓީވީ ޗެނަލް އަކުން ނިމާލްގެ އިންޓަވިއުއަކަށް އެދުނެވެ. ނިމާލް އެ އެދުމަށް އިޖާބަ ދިނެވެ. ޝަރުތަކާއެކުގައެވެ. އިންޓަވިއުގައި ނިމާލްގެ މަންމަ ބައިވެރިކޮށްދިނުމަށް ނިމާލް އެދުނެވެ. ޓީވީ ޗެނަލްއިން މިކަމަށް އެއްވެސް މައްސަލައެއްނެތެވެ. މި އިންޓަވިއު މުޅި ދުނިޔެއަށް ދައްކަން ހަމަޖެހިފައި އޮތީ ވަގުތުންނެވެ. ގިނަބަޔަކު ބަލަން ބޭނުންވެފައި ތިބި އިންޓަވިއު ފެށިއްޖެއެވެ. އިންޓަވިއުގެ ވަކި ހިސާބަކުން ނިމާލްގެ މަންމަ ނިމާލްއަށް ކޮށްދިން ހިދުމަތުގެ އަގު އަދާ ކުރެވިއްޖެތޯ ނިމާލްގެ ގާތުން އިންޓަވިއުކުރަން އިން ކުއްޖާ އެހިއެވެ. އެހިނދު ނިމާލްގެ މަންމައަށް އިޝާރާތްކޮށްލުމަށްފަހު އޭނާގެ ދިރިއުޅުމުގެ ހުރިހާ ކާމިޔާބީއެއްގެވެސް އަސްލަކީ އޭނާގެ މަންމަކަމަށް ނިމާލްބުންޏެވެ. އަހަރެން ޔަތީމެއްގެ ގޮތުގައި ވަނިކޮށް ބުރަމަސައްކަތުން އަހަރެން ބަލައި ބޮޑުކުރީ އަހަރެންގެ ލޯބިވާ މަންމައެވެ. އަހަރެންގެ ހައްގުގައި މީހުންގެ ފުށުން ލިބެމުން އައި މަލާމާތާއި ފުރައްސާރައަކަށް ބެލުމެއް ނެތި ބައްޕައެއްގެ ރޯލު އަހަރެންނަށް އަދާކޮށްދިނީ އަހަރެންގެ ލޯބިވާ މަންމައެވެ. ގޭގައި ދެމީހުން ކާވަރަށް ކާއެތިކޮޅެއް ނުހުންނަ ދުވަސް ދުވަހު ހަމައެކަނި އަހަރެންނަށް ކާންދީފައި ހުސްބަނޑަށް ހުންނަނީ ހަމަ އެމަންމައެވެ. އަހަރެން ރީތި ހެދުން ލައްވަން އެތައްއަހަރުދުވަސްވެ ބާވެފައިވާ ހެދުމަކުން ފުއްދާލީ ހަމައެމަންމައެވެ. މިއަދު އަހަރެންގެ އަތުގައި މޮޅު ސަވާރީތައް ހުރެދާނެއެވެ. އެހެންނަމަސް އަހަރެންގެ ޅަދުވަސްވަރު މަންމަ ތިމަންނަ އެއްތަނުން އަނެއްތަނަށް ގެންގޮސްދިނީ މަންމަގެ ނިކަމެތި ކޮނޑަށް ލައިގެންނެވެ. ތަފާތަކީ އެއީއެވެ. އަހަރެންގެ މަންމައަށް އަހަރެން ގުރުބާންކުރެވޭނީ ފައިސާއާއި މުދަލެވެ. އެހެނަސް އަހަރެންގެ މަންމަ ތިމަންނައަށްޓަކައި ގުރުބާންކޮށްލީ މަންމަގެ މުޅި ދިރިއުޅުމެވެ. އެކަމުގެ އަގު އަހަރެންނަށް ދުވަހަކުވެސް އަދާ ނުކުރެވޭނެއެވެ. ތެދެކެވެ. މިދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ހެޔޮލަފާ ރަނގަޅު ދަރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް