ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސިޔާސީ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާލެއާއި ރާއްޖޭގެ ބައެއް ރަށްތަކުގައި އިދިކޮޅު ޕީޕީއެމްއިން މިއަދު ހަވީރު މުޒާހަރާ ކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރަށްތަކުގައި މިއަދު ހަވީރު މި މުޒާހަރާ ކުރިޔަށް ގެންގޮސްފައިވާއިރު، މާލޭގައި މި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ރަސްފަންނު ސަރަހައްދުގައި އެވެ.
އެގޮތުން މި މުޒާހަރާ ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ ތެރޭގައި ޏ. ފުވައްމުލަކާއި އއ އަތޮޅުގެ ބައެއް ރަށްތަކާ ގދ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އަތޮޅުގެ ބައެއް ރަށްތަކާއި ހދ. ރ. އަދި ށ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
އަދި މި މުޒާހިރާގެ ބައިވެރިން އަޑު އުފުލާފައި ވަނީ ޔާމިނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށްބުނެ، ވަގުތުން މިނިވަން ކުރުމަށް ގޮވާލައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ދަށުން މަނީލޯންޑްރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ.
މިގޮތުން ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް