ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ ސާފުކޮށްފައިވަނީ އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދެވެ. އަދި މި މަސައްކަތުގެ ތެރެއިން ލޯކަލް މާކެޓުގައި ކުލަލާފައިވެއެވެ.
ބޭންކުގެ 200 އެއްހާ މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް މައުލޫމާތުދެ އެވެ. މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް އާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށެވެ.
މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ ސާފު ކުރި ސަރަހައްދުތަކުގައި އެންމެ ގިނައީ ޕްލާސްޓިކު ފުޅިއާ ފަޅުތެރޭގައި ޓަޔަރު ފަދަ ތަކެތި ކަމަށެވެ. ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު ކަމަށް ވިދާޅުވި އެވެ.
މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު ކަމަށާއި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މާލޭ ސިޓީ ކައުންސިލަށްވެސް ޝުކުރު އަދާ ކުރެއްވި އެވެ.
މިއަދުގެ ހަރަކާތުގައި މާލެއިން ގާތްގަޑަކަށް ޖުމްލަ އަށް ޓަނުގެ ކުނި ނަގާފައިވެއެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ ހަ ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ވަނީ ހަވާލުކޮށްފައެވެ.
ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް