ކެނެޑާގައި މަތީ ތައުލީމްް ހާސިލް ކުރަމަން ގޮސްތިބި 700 އަށްވުރެ ގިނަ އިންޑިއާ ދަރިވަރުން ޑީޕޯޓުކޮށްލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ކެނެޑާގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނީ އެ ދަރިވަރުން އެ ގައުމަށް އެތެރެވެފައިވަނީ ކޮލެޖް އެޑްމިޝަން ލެޓާ ފޯޖްކޮށްގެން ސްޓޫޑެންޓު ވިސާ ހޯދައިގެން ކަމަށެވެ. އެ ގައުމުގެ އިމިގްރޭޝަނުން ވަނީ އިންޑިއާގެ އެ ދަރިވަރުންނަށް ނޯޓިސް ފޮނުވައި ގައުމުން ބޭރުވާން މުއްދަތެއް ދީފައި އެވެ.
އެކަމަކު ޑީޕޯޓު ކުރުން ފިޔަވާ އިތުރު ފިޔަވަޅެއް ނާޅަ އެވެ. އެއީ އެޑްމިޝަން ލެޓާ ފޯޖު ކުރުމުގައި ދަރިވަރުންގެ ކުށެއް އޮތްކަން އެނގެން ނެތުމުންނެވެ.
އޭގެ ތެރޭގައި 90 ޕަސެންޓު ދަރިވަރުންނަކީ އިންޑިއާގެ ޕަންޖާބު ސްޓޭޓަށް ނިސްބަތްވާ ދަރިވަރުންނެވެ. އެކުދިން ސްްޓޫޑެންޓު ވިސާގައި ކެނެޑާއަށް އެތެރެވެފައި ވަނީ ޕަންޖާބުގެ ސިޓީއެއްގައި ހިންގާ އިމިގްރޭޝަން ސާވިސަސް ކޮމްޕެނީއެއް މެދުވެރިކޮށް ވިސާ ހޯދައިގެންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުން އެނގުނު ގޮތުގައި އެ ކުންފުނިން ވަނީ ކެނެޑާއިން ކިޔެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކޮންމެ ދަރިވަރެއްގެ އަތުން 20،000 އެމެރިކާ ޑޮލަރު ނަގައި ކެނެޑާއަށް އެތެރެވުުމަށް ބޭނުންވާ ކޮލެޖް އެޑްމިޝަން ލެޓާ އާއި ވިސާ ހަމަޖައްސައި ދީފައި އެވެ. އެކަމަކު އޭގެ ތެރޭގައި ޓިކެޓު ނުހިމެނޭ ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހުރިހާ ކުދިންނަށްވެސް ދީފައިވަނީ ކެނެޑާގެ މަޝްހޫރު ކޮލެޖެއް ކަމަށްވާ ހަމްބާ ކޮލެޖުގެ އެޑްމިޝަން ލެޓާ އެވެ. އެކަމަކު އެ ކުދިން ކެނެޑާއަށް އެތެރެވުމާއި އެކު އެނގެނީ އެ ކޮލެޖުން ޖާގަ ނުލިބި އާދައިގެ ކޮލެޖަކުން ދެ އަހަރުގެ ޑިޕްލޮމާ ކޯހެއް ހަމަޖެހިފައި އިންނަ ކަމެވެ.
ދަރިވަރުން މާ ބޮޑު މައްސަލައަކަށް ނުހަދައި އެ ކޯހުގައި ބައިވެރިވަނީ އެއީ އިންޑިއާއިން ކެނެޑާއަށް ހިޖުރަ ކުރަން ބޭނުންވާ ކުދިންނަށް ވާތީ ކަމަށާއި މި މައްސަލަ ފަޅާ އެރީވެސް އެފަދަ ކަމެއްގެ ތެރެއިން ކަމަށް ބުނެފައިވެ އެވެ.
ކެނެޑާ އިމިގްރޭޝަނުން އިންޑިއާ ދަރިވަރުންގެ މައްޗަށް ޝައްކު ކުރީ ގިނަ ކުދިންތަކެއް އެއްފަހަރާ ކެނެޑާ ރައްވެހިކަން ހޯދަން ހުށަހެޅުމުންނެވެ. އޭރު އެމީހުން ވަނީ ކެނެޑާއިން މަތީ ތައުލީމް ހާސިލްކޮށް ރައްވެއްސަކަށް ވުމުގެ ކުރިން އެ ގައުމުގައި ވަޒީފާ އަދާ ކުރުމުގެ މުއްދަތުވެސް ހަމަކޮށްފައި ކަމަށް ބުނެފައިވެ އެވެ.
ޝަރުތު ހަމަވިޔަސް ކެނެޑާ ސަރުކާރުން ނިންމީ އޮޅުވާލައިގެން އެ ގައުމަށް އެތެރެވެފައިވާތީ ރައްވެހިކަން ނުދީ އެ ކުދިން ޑީޕޯޓުކޮށްލާށެވެ.
މި މައްސަލައިގަ އިންޑިއާގައި އިމިގްރޭޝަން ހިދުމަތްދޭ އެ ކުންފުނީގެ ވެރިންގެ މައްސަލަ ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ އެމީހުން ވިސާ އާއި ގުޅޭ ހުރިހާ ލިޔެ ކިޔުމެއްގައި ސޮއި ކުރުވާ ނިންމާފައިވަނީ އެ ދަރިވަރިން އަމިއްލައަށް ކުރި ކަމެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް