ހަފްތާގެ ތެެރޭގައި ކުރެވޭ އެންމެ މާތް ނަމާދު

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ކީރިތި ރަސޫލާ  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ” އެދުވަހެއްގެ މައްޗައް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެހެނ...

17 Mar 2023 | 05:22

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ކީރިތި ރަސޫލާ  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ” އެދުވަހެއްގެ މައްޗައް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެހެނީ އާދަމުގެފާނު ޚަލްޤު ކުރެއްވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނީ ހުކުރުދުވަހެއްގައެވެ. ހަމައެހެންމެ ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތްނުވާ ހުއްޓެވެ.” (މުސްލިމް 854).

ހުކުރު ދުވަހަކީ  ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހައް ވީއިރު، ހުކުރު ވިލޭރެއިން ފެށިގެން، އެ ދުވަހުގެ މާތްކަން ފެށެއެވެ. މި ގޮތުން ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.” (ރަވާހު ބައިހަޤީ).  ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ.

ހުކުރުދުވަހު ކިޔަވަން އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލުﷲ صَلَّى اللَّهُعَلَيْهِ وَسَلَّمَއަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަ ކުރައްވައިފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅުކުރުމަށް ޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާޙައުލަކަށް ހެދުމަށް ޓަކައެވެ. މި ސޫރަތްތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާއަށް ވަރަށް އިސްކަންދެއްވާފައި ވެއެވެ. އަދި މައްކީ ސޫރަތްތަކުގައި ކުރީގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވައިފައި ވެއެވެ. އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ.

ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.

“اقرءوا سورة هود يومالجمعة” ތިޔަބައިމީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ.

އެހެން ބަސްފުޅެއްގައި ވަނީ: من قرأ سورة الكهف يومالجمعة أضاء له من النور ما بينالجمعتين ، ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވި މީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަންދެއްވާނެ ނޫރެއް ލައްވަވާނެއެވެ. “

އަޘަރުގައި އައިސްފައިވެއެވެ.” ހުކުރުވިލޭރޭ ޔާސީން ސޫރަތް ކިޔެވި މީހާގެ ފާފަ ފުއްސަވާ ދެއްވާނެތެވެ."

ރަސޫލުﷲ صَلَّىاللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ. ” مَنْ قَرَأَ “حم” الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍبنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ “ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާން ސޫރަތް ކިޔެވި މީހާއަށް މާތްﷲ ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.”

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް