ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެންޑޯ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެންޑޯމާޗްޑޭ" ފާހަގަކުރަން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމީޓްރިއޯސިސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހެވެ.
އެޗްޑީސީން ބުނީ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި އަލަށް މި ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މި އަހަރުގެ އެންޑޯމާޗް ޑޭ ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައި ވަނި އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެޗްޑީސީ ގުޅިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ޚާއްސަ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އެޗްޑީސީން ބުނީ މި ހިނގާލުން ފެށޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުން ކަމަށެވެ.
އަދި ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެންޑޯމާޗްޑޭ ފާހަގަ ކުރުމަށް މާޗް މަހުގެ 18 ވަނަ ދުވަހު މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ބާއްވައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ދަނީ މިބަލި ތަހައްމަލު ކުރަމުންނެވެ.
އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެޗްޑީސީ ގުޅިގެން މިފަދަ ހަރަކާތެއް ރާވާ އިންތިޒާމު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ރާއްޖޭގައި ވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތިބި އިރު، އަދިވެސް މި ބައްޔާ މެދުއާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި، މި ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވެފައިވާކަމީ ކަންބޮޑުވުމެއް ކަމަށެވެ.
އަދި މިފަދަ ބަލި ބައްޔާމެދު ހޭލުންތެރިވެ މި ބަލި ތަހައްމަލު ކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރި ވެދިނުމަށް އެޗްޑީސީން އިލްތިމާސްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް