ޏ. ފުވައްމުލަކު ގެއްގެ ރުކަކުން ވަގަށް 12 ކުރުނބާ އެޅި މީހަކު 331 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން އަންގައި، އަދި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ވަގަށް ކުރުނބާ އަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފުވައްމުލަކު ދިގުވާޑު އަވަށުގެ ގެއެއްގެ ގޯއްޗަށް ހުއްދަ ނެތި ވަދެއެވެ.
އެގޮތުން އެގޭގައި ހުރި ރުކަކުން 12 ކުރުނބާ އެޅި މައްސަލާގައި އެރަށު މީހަކަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި އިއުތިރާފުވެފައި ވެއެވެ.
މީގެ އިތުރުން އޭނާ ވަނީ ލުއި އަދަބެއް ދޭން އެދިފައެވެ. ނަމަވެސް ދަޢުލަތުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ބަންދުގެ މުއްދަތު މަޖިލީހާއި އިބްތިދާއީ މަރުހަލާގައި އޭނާ އެކަމަށް އެއްބަސްވުމުން ކޯޓުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުށަށް އޮންނަ ދެ މަހުގެ ޖަލު އަދަބު މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ވައްކަމުގެ އަދަބެއްގެ ގޮތުން 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރަން އެ ހުކުމުގައި ބުނެފައި ވެއެވެ.
ނަމަވެސް ހުއްދަ ނެތި މީހެއްގެ ގޯއްޗަށް ވަދެފައިވާ މައްސަލާގައި އޭނާގެ އަދަބު ލުއި ކޮށެއް ނުދިނެވެ. އެ ކުށަށް ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައެޅިފައި އޮންނަ 18 ދުވަހުގެ ޖަލު ހުކުމް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް