އޭސީސީއަށް 5 މެންބަރުން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު 5 މެންބަރަކު މިއަދު ޢައްޔަންކުރައްވައިފިއެވެ. އޭސީސީއަށް އާ މެމްބަރުން ހޮވާފައި މިވަނީ ކުރިން ތިއްބެވި މެމްބަރުންގެ ...

17 Mar 2022 | 09:36

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު 5 މެންބަރަކު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އޭސީސީއަށް އާ މެމްބަރުން ހޮވާފައި މިވަނީ ކުރިން ތިއްބެވި މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުން ނަގަން ނިންމުމުން އެ މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ. އޭސީސީގެ ކުރީގެ މެމްބަރުން ވަކި ކުރަން ނިންމީ ޕާފާމަންސް އޮޑިޓެއް ހެދުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންނެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އަލަށް ޢައްޔަންކުރެއްވި ބޭފުޅުންނަކީ:

1. އަލްއުސްތާޛު އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި

2. އަލްއުސްތާޛު ޢަބްދުއްސަލާމް ހަވާ، ށ.ނަރުދޫ

3. އަލްއުސްތާޛު ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ.މާމިގިލި

4. އަލްފާޟިލާ ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު

5. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު

މި ބޭފުޅުންގެ ތެރެއިން އަލްއުސްތާޛު އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލު ކުރައްވާފައެވެ.

އަލްއުސްތާޛު ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

އަލްއުސްތާޛު ޠާހާ މުޙައްމަދު ހުންނެވީ "ދަ ލިޓިޖެންޓްސް އެލް.އެލް.ޕީ"ގެ ޕާޓްނަރެއްގެ ގޮތުގައެވެ. މީގެ އިތުރުން އަލްއުސްތާޛު ޠާހާ މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދެވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަލްއުސްތާޛު ޠާހާ މުޙައްމަދު ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

ޝަޒްނާ ހާޝިމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. ޝަޒްނާ ހާޝިމް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރސް ޑިގްރީ އިން ކޮމަރސް (އެކައުންޓިން) ހާސިލުކުރައްވާފައެވެ.

އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައެވެ. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލު ކުރައްވާފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި ފަސް ބޭފުޅުންނަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް