15 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދަނީ

15 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ...

17 Mar 2022 | 07:07

15 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ބުނީ މި މަޝްރޫއަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެރައިސް މަޝްރޫޢުގެ ދަށުން ބޮޑެތި އާބާދީތަށް ހިމެނޭ ގޮތަށް ކުރިޔަށް ގެންދާ މަޝްރޫއެއްކަމަށެވެ.

އަންދާޒާ ކުރެވޭ ގޮތުގައި މިއީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ މަސައްކަތެއްކަމަށް އެ މިނިސްޓްރީންބުނެއެވެ.

އެރައިސް މަޝްރޫޢުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާ ރަށްތަކަކީ

1.އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް

2.އައްޑޫ ސިޓީގެ ހުޅުމީދޫ

3.ފުވައްމުލައް ސިޓީ

4.ކުޅުދުއްފުށީ ސިޓީ

5.ގދ. ތިނަދޫ

6.ބ. އޭދަފުށީ

7.ޅ. ހިންނަވަރު

8.ލ. ފޮނަދޫ

9.ލ. އިސްދޫ

10.ލ. ކަލައިދޫ

11.ލ. ދަނބިދޫ

12.ލ. މާބައިދޫ

13.ލ. ކުނަހަންދޫ

14.ލ. ހިތަދޫ

15.ށ. ފުނަދޫ

ވޯލްޑް ބޭންކުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ  20  މިލިއަން ޑޮލަރުގެ ލޯން އެހީއިން މި ރަށްތަކުގެ ކަރަންޓު ވިއުގަތައް ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި   ރައްޓެހި   ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް އެންވާރުމެންޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ  އެރައިސް މަޝްރޫއިން ދަނީ ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުންކަމަށެވެ.

އެންވާރުމެންޓް މިނިސްޓްރީން، ރަށްތަކުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެރައިސް މަޝްރޫޢިން ހުޅުވާލާފައިވާ ގްރިޑް އަޕްގްރޭޑިންގް ބީލަމުގެ މަސައްކަތްތަކުގެ ތެރޭގައި؛

·މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި،

·ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި،

·ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން

ގާއިމުކުރުމާއި،

·ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަންނެޓްވަރކް އެޅުމާއި ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް

ކުރުން ހިމެނެއެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ފައިބަރއޕްޓިކް ކޮމިއުނިކޭޝަން ވިއުގަ ގާއިމުކުރުމާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެކަމަށް އެންވާރުމެންޓް މިނިސްޓްރީން ބުނެއެވެ. މިގޮތަށް ނެޓްވަރކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު   އެދެވޭ   ގޮތަށް   މަސައްކަތް   ކުރުމާއި،   ދިމާވާ   ކުދިކުދި   ޓެކްނިކަލް   މައްސަލަތައް   ވަގުތުން   ހައްލުކުރެވި   ކަރަންޓުކެނޑޭ   ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދިއުމާއި، ކަރަންޓު ވިއުގައިގެ ގިނަ މަޢުލޫމާތުތައް ބޭނުންވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބުންފަދަ ގިނަ ފައިދާތަކެއް ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތައިގެ ކެޕޭސިޓީ އަދި ކުރިއަށް އޮތް 10-15 އަހަރުގެ   ކަރަންޓުގެ   ޑިމާންޑް   ޕްރޮޖެކްޝަންސްތަކަށް   ބަލައި   ތަފްސީލީ   ދިރާސާތައް   ވަނީ   ފުރިހަމަކޮށްފައިކަމަށެވެ.  އެހެންކަމުން   މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް  15  އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ކަށަވަރުވެގެންދާނެކަމަށް އެންވާރުމެންޓް މިނިސްޓްރީން ބުނެއެވެ. އަދި އެ މިނިސްޓްރީން ބުނީ ގިނަރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތަކާއި ބައެއް ކަހަލަ ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވެ ކަރަންޓުކެޑުމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް