ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހައްސަ އިނާމު ލިބޭ ފަރާތްތަކަށް އިނާމު ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާ...

17 Mar 2022 | 06:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވައިފިއެވެ.

ރައީސް މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން 1 ވަނައަށާއި މުބާރާތުގެ ޙާފިޡުންގެ ގޮފިން 1 ވަނައަށާއި މުޅި މުބާރާތުން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް (2021) ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިޔަށް ގެންދިޔައީ މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ.، އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވިއިރު އޭގެތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް