ރާއްޖޭގެ ހުރިހާ ރަށަކުން ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒީކުރެވެމުން އަންނަކަމަށެވެ.
އެގޮތުން ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ފަހިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނަރ ތަސްލީމާ އުޘްމާން ވިދާޅުވީ، ރާއްޖޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ލެބޯޓްރީތަކުގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން ތަސްލީމާ ވިދާޅުވީ މި ލެބޯޓްރީތައް ޤާއިމްކުރުމުގެ އިތުރުން ލެބޯޓްރީ ނެތް ރަށްރަށުން ނުވަތަ ތަންތަނުން ސާމްޕަލް ނަގައިގެން ލެބޯޓްރީއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން އެ ރަށްރަށުން ނަގާ ސާމްޕަލް ލެބޯޓްރީއަށް ފަސޭހައިން ގެންގޮސް އޭގެ ނަތީޖާ ފޮނުވޭނެ ސަރަހައްދުތަކެއް ކަނޑައަޅާނެ ކަމަށެވެ.
ހަމަމިއާއެކު، ލެބޯޓްރީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ އިންތިޒާމް ފަހިކުރުމާއެކުވެސް އެންމެ ބޮޑަށް ބައްލަވާނީ ތަހްލީލްތަކުގެ ކޮލިޓީއަށްކަމަށް ތަސްލީމާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް