މެލޭޝިޔާގައި ދޮންކެޔޮ ކަޖުރު ތެލުލަނިކޮށް ތެޔޮ ތާސް ގަޔަށް ބަންޑުންވެ ކުއްލި މަރެއް !

ރާއްޖޭގައި އާންމު ނޫން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ސްޓްރީޓް ފުޑް ވެންޑަރުންނަކީ އާންމު ބައެކެވެ. އެއް ބަޔަކު ހަނާކުރި ބަދަން މަގުމަތީގައި ވިއްކާ އިރު އަނެއް ބަޔަކު ފިނި ފޮނި ތަކެތި މަގުމަތ...

17 Mar 2022 | 05:10

ރާއްޖޭގައި އާންމު ނޫން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ސްޓްރީޓް ފުޑް ވެންޑަރުންނަކީ އާންމު ބައެކެވެ. އެއް ބަޔަކު ހަނާކުރި ބަދަން މަގުމަތީގައި ވިއްކާ އިރު އަނެއް ބަޔަކު ފިނި ފޮނި ތަކެތި މަގުމަތީގައި ވަގުތުން ތައްޔާރުކޮށް ވިއްކަމުން ގެންދެއެވެ. އަދި އަނެއް ބަޔަކު ސީފުޑާއި ކުކުޅާއި ޝަވަރުމަޔާއި ނަން ހުސްކޮށް މި ބީދައިން ވިއްކަމުން ގެންދެއެވެ.

އެފަަދަ ފަރާތްތަށް އެކަން ކުރަނީ އާމްދަނީ ހޯދޭނެ މާ ގިނަ ފުރުސަތުތަކެއް އާންމުގޮތެއްގައި ނުހުންނަ ސަރަހައްދުތަކުގައި އާއިލާގެ ހަރަދު ބަރަދު ބަލަހައްޓައި އަނގަޔާއި އަތާއި ދިމާކުރުމުގެ އުންމީދުގައެވެ.

މިއީ މިފަދަ މީހަކަށް މި ހަފްތާގެ އާދީއްތަ ދުވަހު ދިމާވި ހިތާމަވެރި ހާދިސާއެެކެވެ.

މެލޭޝިޔާގެ ޕެނާންގް ސްޓޭޓަށް ނިސްބަތްވާ އުމުރުން 74 އަހަރުގެ އަންހެނަކު އޭނާގެ ފުޑް ސްޓޯލަށްގޮސް އެދުވަހު ހެނދުނު މަސައްކަތް ފެށީ ދޮންކެޔޮ ކަޖުރު ތެލު ލާށެވެ. އެއީ އޭނާގެ އާއިލީ ވިޔަފާރި ސްޓޯލެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތެލުލާން ހުއްޓާ އެނބުރުން އަރައި ވެއްޓޭން ދިޔަ ވަގުތު އޭނާއަށް ހިފުނީ އުނދުން މަތީގައި ހުރި ހޫނު ތެޔޮ ތާހުގައެވެ. އެހިނދު އެ ތެޔޮ ތާސް މޫނު މައްޗަށް ބަންޑުންވިއެވެ.

ކައިރީގައި ތިބި މީހުން މީ އެންމެ އަވަަހަކަށް އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފުރާނަ ސަލާމަތް ވާގޮތެއް ނުވިއެވެ. އޭނާ މަރުވީ އެވެ.

އޮޓޮޕްސީ ރިޕޯޓުން ދެއްކި ގޮތުގައި މަރުވުމުގެ އަސްލަކަށް ވީ ހާޓް އެޓޭކެއް ޖެހުމެވެ. ބެލެވޭގޮތުގައި ހޫނު ތެޔޮ ގަޔަށް ބަންޑުން ވުމާއެކު ލިބުނު ކުއްލި ޝޮކުގައި ހިތް ހުއްޓުނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް