ޗެމްޕިއަންސް ލީގު: ފަސޭހަކަމާއި އެކު އެޓަލާންޓާ ބަލިކޮށް ރެއާލް މެޑްރިޑް ކުއާޓާ އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އިޓަލީގެ އެޓަލާންޓާއާއި ދެކޮޅަށް ރެއާލް މެޑްރިޑު ރޭ ކުޅުނު މެޗުންވެސް މޮޅުވެ ކުއާޓާ ފައިނަލްއަށް ދަތުރުކޮށްފިއެވެ. މި ދެޓީމު ބައްދަލުކުރި ފުރަތ...

17 Mar 2021 | 04:34

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އިޓަލީގެ އެޓަލާންޓާއާއި ދެކޮޅަށް ރެއާލް މެޑްރިޑު ރޭ ކުޅުނު މެޗުންވެސް މޮޅުވެ ކުއާޓާ ފައިނަލްއަށް ދަތުރުކޮށްފިއެވެ.

މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން 0-1 އިން ރެއާލް މޮޅުވެފައިވާއިރު، ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން އެޓީމު މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ. އެގޮތުން ރެއާލް ކުއާޓާ ފައިނަލަށް ދަތުރުކުރީ 1-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

އެޓަލާންޓާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތައްވެސް ތަނަވަސް ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ވިނިސިއަސް ވަނީ އެޓަލާންޓާގެ ގޯލުކުރިންމަތިން ރަނގަޅު ހުސްފުރުސަތެއް ލިިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ އެ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ.

ރެއާލްއިން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެޓަލާންޓާގެ ގޯލްކީޕަރު ހެދި މިސްޓޭކެގެ ފައިދާ ނަގާ މޮޑްރިޗް އެޓަލާންޓާގެ ގޯލް ކުރިމައްޗަށް ހުސްކޮށް ހުރަސްކޮށްލި ބޯޅައަކުން ކަރީމް ބެންޒެމާ ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލް އިން ނިންމާލިއިރު، ރެއާލްގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ ރާމޮސްއެވެ.

ރެއާލްއިން ދެލަނޑުގެ ލީޑެއް ނެގި ނަމަވެސް އެޓަލާންޓާއިން ވަނީ 83 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އޭގެ ދެ މިނެޓުފަހުން ރެއާލްއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 1-3 އަށް ބަދަލުކޮށްލާފައެވެ.

މި މޮޅާއި އެކު ރެއާލް ކުއާޓާ ފައިނަލްއަށް ދަތުރުކުރި އިރު، ކުއާޓާގައި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހޭ ޓީމެއް އެނގޭނީ އަންނަ ހުކުރު ދުވަހު ބާއްވާ ކުއާޓާ ފައިނަލްގެ ގުރުއަތަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް