އިދިކޮޅުން އިއްޔެ ހަވީރު ކުރި މުޒާހަރާގައި ހައްޔަރު ކުރި އަށް މީހުންވެސް ރޭ ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.
'ދުވަސް' އަށް މައުލޫތާމު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުރަތަމަ ދޫކޮށްލާފައި ވަނީ ހަތް މީހުން ކަމަށާއި، ރޭގެ ވަގުތެއްގައި ބާކީ ހުރި މީހާ ވެސް ދޫކޮށްލާފައި ވާނެ ކަމަށެވެ. އެހެންކަމުން އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި އެންމެންވެސް މިހާރު ދޫކޮށްލާފައި ވާނެ ކަމަށް ފުލުހުން ބުނެއެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފު ވުމުންނެވެ. އަދި ހައްޔަރު ކުރި މީހުން ދޫކޮށްލާފައި ވަނީ ޖޫރިމަނާ ކުރުމަށްފަހުގައެވެ.
އިދިކޮޅުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާއިން އެކި ފަހަރު މަތިން މީހުން ހައްޔަރުކޮށް ޖޫރިމަނާ ކޮށްފައި ވެއެވެ. އެގޮތުން މި މަހުގެ15 ވަނަ ދުވަހު ފުލުހުން އިތުރަށް ބުނެފައި ވަނީ މުޒާހަރާ ކުރުމުގެ ތެރެއިން ޕީޕީއެމް އަދި ޕީއެންސީ އިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާކުކޮށް ޚިލާފު ވެފައި ވާތީ، ކޮންމެ ޕާޓީއެއް 25 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާނެ ކަމަށެވެ.
ޕީޕީއެމް އިން ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުން ދަނީ، ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރީ އިންސާފުން ނޫން ކަމަށާއި ފްލެޓްތައް ދިނުމުގައި އޮޅުވާލުންތައް ހުރި ކަމަށް ބުނެއެވެ.
މީގެ ކުރިން، ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެދި ވެސް ޕީޕީއެމް އިން ވަނީ މުޒާހަރާ ކޮށްފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އެ ވެކްސިން ޖެހން ރައްކާތެރި ކަމަށް ބުނުމުން، ހުރިހ ރައްޔިތުން ވެކްސިން ޖެހުމަށް ގޮވާލާ، ޕީޕީއެމް އިން ވަނީ ބަޔާނެއް ނެރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް