އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއަށް ބިރު ދެއްކި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ އަލީ ހާޝިމް (ސުމިތު) ހއ. ދިއްދޫ، އޯޓަމްވާދީ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ރޭގެ މުޒާހަރާގެ ތެރެއިންނެވެ.
ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭނާއަށް ދިން ފޯމުގައި ބުނެފައިވަނީ ސުމިތު ހައްޔަރު ކުރީ ފަލާހުއަށް ބިރުދި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ފަލާހުއަށް ސުމިތު ބިރުދެއްކި ކަމަށް ބުނެ އޭނާ ހައްޔަރު ކޮށްފައިވާއިރު މިމަހުގެ 14 ވަނަ ދުވަހު ރެސްޓޯރެންޓެއްގެ ތެރޭގައި ސުމިތު ފަލާހު އާއި އެކު ނަގާފައިވާ ސެލްފީއެއް ވަނީ ސުމިތު ޓުވިޓާއަށް ލާފައި އެވެ. އަދި އެތަނުގައި ހިނގަމުންދިޔަ ކަންތައްތައް ސުމިތު ލައިވްކޮށް ޓުވިޓާގައި ގެނެސްދީފައިވާއިރު ދެމީހުންގެ ދެމެދުގައި ހިތްހަމަ ނުޖެހިގެން ވާހަކަތަކެއް ދައްކާފައިވާކަން އެނގެ އެވެ.
ސުމިތަކީ ޑރ އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެކަމަކު ހައްޔަރު ކުރިތާ ހަފްތާއެއް ނުވަނީސް އޭނާގެ ބައިވެރިވުމެއް ނުވާކަމަށް ބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް