ފްލޫ ފެތުރެމުން އަންނައިރު މާސްކު އެޅުމާއިމެދު ޑރ ނިޔާފްގެ ބަސް !

ރާއްޖޭގައި އެޗް1އެން1 އިންފްލުއެންޒާ ފެތުރެމުން އަންނައިރު އާއްމު ރައްޔިތުންގެ ޖަވާބު ބޭނުންވާ އެއްމެ ބޮޑު އެއްސުވާލަކަށް ވެފައިވަނީ މާސްކު އަޅަންވީ ހަމަ އެކަނި ބަލި މީހުން ތޯ އުފެދޭ ސުވާލެވެ. މާލޭގައ...

17 Mar 2017 | 09:51

ރާއްޖޭގައި އެޗް1އެން1 އިންފްލުއެންޒާ ފެތުރެމުން އަންނައިރު އާއްމު ރައްޔިތުންގެ ޖަވާބު ބޭނުންވާ އެއްމެ ބޮޑު އެއްސުވާލަކަށް ވެފައިވަނީ މާސްކު އަޅަންވީ ހަމަ އެކަނި ބަލި މީހުން ތޯ އުފެދޭ ސުވާލެވެ. މާލޭގައި ދިރިއުޅެމުން މިދަނީ އައިޖީއެމްއެޗް ސަރަހައްދުގައިކަމުން، ފެންނަ މަންޒަރު ތަކުން އަޅުގަނޑުވެސް އެއްމެ ބޮޑަށް ޖާވާބު ހޯދާލަން ބޭނުންވި އެއް ސުވާލަކީ މިއީ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން  ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު އަދި ސަރުކާރުން މިހާރު އުފައްދާފައިވާ ފްލޫ ކޮމިޓީގެ މެމްބަރ ޑރ އަބްދުﷲ ނިޔާފް ވިދާޅުވީ މާސްކު އެޅުން މުޅިން އެކީ މަނާކުރާ އުސޫލަކު އެއްޗެއް ބުނުން އެއީ އެއްމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ބަލި މީހަކު މާސްކު އެޅުމަކީ ރަނގަޅު ކަމެއް ކަމަށާއި އެއީ އިންފްލުއެންޒާ ވިޔަސް އެނޫން ކެއްސާ ރޯގާ ގޮތަށް ސްޕްރެޑް ވެދާނެ ބައްޔެއް ނަމަ މާސްކު އެޅީމަ އެހެން މީހުންނަށް ބަލި ފޯރުން ކުޑަވާނެ ކަމަށެވެ. އެހެންކަމުން މާސްކު އެޅުން އެއްމެ ރައްކާތެރި އެއް ވަގުތަކީ އެއީ ކަމުގައި ޑރ ނިޔާފް ވިދާޅުވި އެވެ.

"އެމީހަކީ އެމީހަކު ދިރިއުޅުމުގަ މަސައްކަތް ކުރާތަނުގެ ގޮތުން މީހުންނާ ވަރަށް ގާތުން މަސައްކަތް ކުރަން ޖެހި އަދި ކެއްސުން އަދި ރޯގާ ހުރި މީހަކާ ކުރިމަތިލާންޖެހޭ ތަނެއްގައި މަސައްކަތްކުރާ މީހެއްނަމަ ރޯގާ މިގޮތަށް ގިނަވާގޮތަށް ފެންނަ ދުވަސްވަރު މާސްކެއް އަޅާލުން އެއީ ރަނގަޅު ކަމެއް. ހަމަ ސިއްހީގޮތުން ރަނގަޅު އާއްމު ދުޅަހެޔޮ ހާލަތުގައި ހުންނަ މީހަކު ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ހުރުމަކީ އޭނައަށް ހާއްސަ ރައްކާތެރިކަމެއް ނުލިބިދާނެ ކަމެއް" ޑރ ނިޔާފް ވިދާޅުވި އެވެ.

މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި، ހާއްސަކޮށް އައިޖީއެމްއެޗް ސަރަހައްދު، ފްލޫ ކްލިނިކްތައް ހިމެނޭ ސަރަހައްދުތަކުގައި މާސްކު އެޅުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކޮށްލުމުން ޑރ ނިޔާފް އިތުރަށް ވިދާޅުވީ އެ ސަރަހައްދުތަކުގައި އެ ސަރަހައްދުތަކުގައި މާސް އެޅުމަކީ ގޯސް ކަމެކޭ ނުބުނާނެ ކަމަށެވެ.

"ނިޔަތަކީ ކޮބާ! ވައިގެ ތެރޭގަ ހުރި ވައިރަސްތައް ނޭވާލާ ނިޒާމަށް އައުން ދުރުކުރަން ކަމަށްވެއްޖެއްޔާމުން މިސާލަކަށް ކޮޓަރިއެއްތެރޭ އޭސީކޮށް ބަންދުކޮށްފަ ހުރި ތަނެއްގެ ތެރޭގައި ފްލޫ ޖެހިފައިހުރި މީހަކު ކެއްސާ ހަދާއިރު ވައިގެ ތެރެއަށް ވައިރަސް ހުންނާނީ ގޮސްފައި އެތަނުގަ ކެއްސާއިރު ބުރައިގެންދާ ވައިރަސް ނޭފަތުގެ ތެރެއަށް ވަނުން ނޯމަލް މާސްކަކުން ނުހުއްޓުވާނެ" ޑރ ނިޔާފް ވިދާޅުވި އެވެ.

ޑރ ވިދާޅުވީ އައިސީޔޫގެ ކިއުބިކަލްއެއްގައޮތް އިންފްލުއެންޒާ މީހަކަށް ފަރުވާ ދޭން ވަދެވާ ނަރުސް ޑޮކްޓަރު އޭނަ އަޅަންވާނީ ހާއްސަ މާސްކެއް ކަމަށާއި އެއީ އޭގެ ތެރެއިން ވައިރަސް ފިލްޓަރ ވާނެތީ ކަމަށެވެ.

"އެހެންވީމަ ފެންނަނީ ފްލޫ ކްލިނިކްގަ ތިބޭ ނަރުހުންނާ ޑޮކްޓަރުން މާސްކެއް އަޅައޭ އަހަރެމެން ވީމަހެއްޔޭ ނާޅަންވީ. އެމީހުން އަޅަނީ އެ ހާލަތުގަ ވަރަށް ބޮޑު ނުރައްކަލެއް އޮތަތީ، އަނގަ ހުޅުވާ، ނޭފަތް ބަލާލާ، އެއް މީޓަރަށްވުރެ ގާތުގަ މި އެކްސްޕޯޒް ވަނީ، ނަމަވެސް މަގުމަތިން ސައިކަލެއްގައި ދާ މީހަކު، އޭޓީއެމްއިން ފައިސާ ނަގަންދާ މީހަކު މިވަރަށް އެކްސްޕޯޒެއް ނުވާނެ" ޑރ ވިދާޅުވި އެވެ.

މާސްކު އެޅުމާމެދު ޑރ އިތުރަށް ވިދާޅުވީ ހިތްހަމަ ޖެހުމަކަށް މާސްކު އަޅާލުމުގަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން މާސްކު އެޅުމާއި ބެހޭގޮތުން ހާމަކޮށްފައިވާ ބައެއް މައުލޫމާތުން ޑރ. ނިޔާފް ދެއްކެވި ވާހަކަތަކަށް އިތުރު ހަރުދަނާކަމެއް ލިބެ އެވެ.

އެގޮތުން މާސްކު އެޅުމާއި ބެހޭގޮތުން އެ ސެންޓަރުން ބުނެފައިވަނީ މާސްކް އެޅުމުން އިންފްލުއެންޒާ ރޯގާއިން ނޫނީ އެޗްވަންއެންވަން ވައިރަސް އިން ވިޔަސް ރައްކާތެރިކަން ލިބޭކަމުގެ އެކަށީގެންވާ ސައިންޓިފިކް ހެއްކެއް ލިބެން ނެތް ކަމަށެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް މާސްކު އެޅުމާއި ބެހޭގޮތުން ސީޑީސީން ބުނެފައިވަނީ އިންފްލުއެންޒާއިން ރައްކާތެރި ވުމުގެ ފުރުސަތު އެއްމެ ބޮޑީ ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުމާއި،ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާ ކުރުމާއި

އަނގަޔާއި ނޭފަތާއި ލޮލުގައި އަތް ނުކޭއްތުމުންނާއި ރޯގާޖެހިފައިވާ މީހުންނާއި މާބޮޑަށް ގާތް ނުވުމުންނާއި ބަލިޖެހިފައިވާ މީހުންގެ ތެރެއަށް ނުކުތުމުން ދުރުހެލިވުމާއި، ދަތުރުފަތުރުކޮށް ނުހެދުމުން ކަމަށެވެ. އަދި އާއްމު ތަންތަނުގައި އަދި ގޭގޭގައި މާސްކް އަޅައިގެން އުޅުމަކީ ލަފާދޭ ކަމެއް ނޫން ކަމަށްވެސް ސީޑީސީން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް