ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސް ކަނޑާލަނީ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު ދޮށަށް ހުއްދަ ނެތި ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސް ނުދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހުށަހަޅ...

17 Mar 2015 | 09:24

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު ދޮށަށް ހުއްދަ ނެތި ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސް ނުދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހުށަހަޅުއްވައިގެން މަޖިލީހުގެ ގަވާއިދަށް ގެނައި އެ އިސްލާޙު ފާސްކުރީ، އިދިކޮޅު މެމްބަރުން މަޖިލީހުގައި ކުރަމުންދާ އިހްތިޖާޖުގައި ބައެއް މެމްބަރުން ރިޔާސަތުގެ މޭޒު ކައިރި އަށް ވަޑައިގަންނަވާތީ އެވެ. އަދި އެގޮތަށް އަމަލު ކުރާނަމަ މަޖިލީހުގެ ދަތުރުތަކުން ވަކި މުއްދަތަކަށް ސަސްޕެންޑްކުރަން ވެސް ނިންމާފައި ވެއެވެ.

މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއްގައި ހުއްދަ ނެތި ރިޔާސަތުގެ މޭޒު ކައިރި އަށް ދިއުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ކަމެއް މެމްބަރަކު ކުރައްވައިފި ނަމަ ސުލޫކީ ކޮމިޓީން ބަލައި، ފިޔަވަޅު އަޅާނެ އެވެ.

ކޮމިޓީން އެ ގޮތަށް ފާސްކުރުމުން މީގެ ފަހުން ކޮމިޓީގެ ހާޒިރީން 55 ޕަސެންޓް އުނިކުރުމުގެ އިތުރުން، މަޖިލީހުގެ އެއްވެސް ދަތުރެއް ރިޔާސަތު ކައިރިއަށް ދާ މެންބަރުންނަށް ތިން މަސް ދުވަސްވަން ނުލިބޭނެ އެވެ. ކޮމިޓީ އެލަވަންސް ދިނުމަށް މިހާރު ހަމަޖެހިފައިވާ ގޮތުން، އެއްވެސް މެމްބަރެއްގެ ކޮމިޓީ ހާޒިރީ 50 ޕަސެންޓަށް ވުރެ ދަށް ވެއްޖެ ނަމަ، އެ މެމްބަރަކަށް ކޮމިޓީ އެލަވަންސެއް ނުލިބޭނެ އެވެ. މިހާރު ކޮމިޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައި އޮންނަނީ މަހަކު 20،000ރ. އެވެ.

ރިޔާސަތުގެ މޭޒު ކައިރި އަށް ވަޑައިގަންނަވާ މެމްބަރުންގެ އިތުރުން، ޖަލްސާ އިން ނުކުމެވަޑައިގަތުމަށް ނަން އިއްވުމަށް ފަހު މާލަމުގައި ތިއްބަވާ މެމްބަރުންނާ މެދު ވެސް މި ފިޔަވަޅުތައް އަޅަން ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް މި ބަދަލުތައް ގަވާއިދަށް އަންނާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފަހު އެވެ.

ރިޔާސަތުގެ މޭޒު ކައިރި އަށް ވަޑައިގެންނެވުމުން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ މުރާޖައާ ކުރަން ސްލޫކު ކޮމެޓީ އަށް ހުށަހެޅޭނެ އެވެ. އަދި އަދި މައާފަށް އެދިވަޑައިގަތުމުން، ކުރިން އެޅި ފިޔަވަޅު ތަންފީޒުކުރުން ހިފެހެއްޓޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް