އިސްލާމް ދީނުގެ ކަންކަން ދިރުވާ ދެމެހެއްޓުމަށް މި ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކުރުވާފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވާފައިވާ ޓްވީޓްތަކުގެ ތެރެއިން ޓްވީޓެއްގަ އެވެ. މިއަދު ހެނދުނު މިނިސްޓަރު ގިނަ ޓްވީޓްތަކެއް ކުރައްވާފައިވާއިރު އެ ޓްވީޓްތަކުގައި މިނިސްޓަރު ވަނީ ސަރުކާރަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ދީނީ އިލްމުވެރިންގެ އެއްބާރުލެއްވުން ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާނެ ކަމަށާއި ހެޔޮގޮތުގައި ދެއްވާ އިރުޝާދު ސަރުކާރުން ބަލައިގަންނާނެ ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓް ފާހަގަކޮށްލެވެ އެވެ.
މިނިސްޓަރު ޝަހީމް މި މޭރުމުން ޓްވީޓްތަކެއް ކުރައްވާފައިވާއިރު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށް ރޭ އާންމުކުރި ގަރާރެއްގައި ބުނެފައިވަނީ ދިވެހި ރާއްޖެއިން ނެތެމުންދިޔަ އަނިޔާވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިއާދަވަމުން އަންނަތަން އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހަށް ކަށަވަރުވެއްޖެ ހިނދު، މި އެންމެހައި އަނިޔާވެރި ކަންކަމާ ދެކޮޅަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި އަދާލަތު ޕާޓީގެ ދުސްތޫރާއި އުސޫލުތަކުން ބާރު ލިބިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް އަދާލަތުޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރު ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް