މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ރާއްޖެއިން ދާ ޙައްޖުވެރިން ސަޢޫދީ އަރަބިއްޔާއަށް އުފުލުމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ.
އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެޙެމާނެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޤައުމުތަކުން މީހުން ޙައްޖަށް ގެންދިއުމުގައި ސައޫދީއާއެކު ވެފައިވާ އެއްބަސްވުމުގައި އެ ޤައުމެއްގެ އެއާލައިންގައި 50 އިންސައްތަ ޙައްޖުވެރިން އުފުލުމަށް ބާރު އަޅާފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް އަދި އެކަން ނުވެ ދިޔަ ނަމަވެސް މިއަދަކީ އަލަށް އެކަން ފެށޭ އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޝަކީލް ފާހަގަކުރެއްވި ގޮތުގައި މި އަހަރު ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 500 ކޯޓާއަށް ހައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްގައެވެ. މި އާ ފެށުމާއެކު ހައްޖުވެރިން އުފުލުމުގެ ޚަރަދުން މި އަހަރު 3.6 މިލިޔަން ރުފިޔާ ޚަރަދު ކުޑަވެގެންދާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ މިއީ ޙައްޖުގެ އަޅުކަމުގެ އަގު ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް ހެޔޮ ބަދަލެއްގެ ފެށުން ކަމަށެވެ. މީގެ އިތުރުން ދިވެހިން އުމްރާއަށް ގެންދިއުމުގައިވެސް މޯލްޑިވިއަންގެ ފްލައިޓްތައް ބޭނުންކުރުމާއިމެދު މަޝްވަރާތައް ކުރިއަށްދާކަން އެމްޑީ ފާހަގަ ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ މިއަދަކީ އެ ކުންފުންޏަށްވެސް ޝަރަފުވެރި އުފާވެރި ދުވަހެއް ކަމަށާއި މިކަން ހަޤީޤަތަކަށް ވެގެންމިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަދި އިސްނެންގެވުމުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވިއަންގެ ފްލީޓަށް ވައިޑްބޮޑީ އެއާކްރާފްޓް އިތުރު ކުރެވިގެން ދިއުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް