އާސިރު ފެނުނީ ވީއައިއޭގެ ޓާމިނަލްގެ ގޮނޑިއެއްގައި އިންދަ!

ގެއްލިގެން ހޯދާތާ ދެ ހަފްތެއްހާ ދުވަސް ފަހުން ފެނުނު މުހައްމަދު އާސިރު ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ގޮނޑިއެއްގައި އިންދަ ކަން އެނގިއްޖެ އެވެ. އާސިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓ...

17 Feb 2023 | 11:40

ގެއްލިގެން ހޯދާތާ ދެ ހަފްތެއްހާ ދުވަސް ފަހުން ފެނުނު މުހައްމަދު އާސިރު ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ގޮނޑިއެއްގައި އިންދަ ކަން އެނގިއްޖެ އެވެ.

އާސިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭނާ ފެނިފައިވަނީ ރޭގައި ކަމަށް ފުލުހުން ބުންޏެވެ.

އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދިން އާސިރުގެ އާއިލާގެ މީހަކު ބުނެފައިވާ ގޮތުގައި އޭނާ އިނީ ޓާމިނަލްގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އަދި ލައިގެން ހުރީ ގެއްލުނު ދުވަހު ވަޒީފާއަށް ދާން ނުކުތް އިރު ލައިގެން ހުރި ހެދުން ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އާސިރު އަދި އެކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކާތީ އޭނާ އެތަނުގައި އިންނަން ޖެހުނު ސަބަބެއް އަދި އެތާ އިންނަތާ ވީ ކިތައް ދުވަސް ކަން ނޭނގޭ ކަމަށް އާއިލާއިން އެ ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

އާސިރު ފެނުން އިރު ހާލު ރަނގަޅުކަން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އާސިރު ގެއްލުނީ ވަޒީފާއަށް ހުޅުމާލެއަށްދާން ނުކުތް ގޮތަށް ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ކުރިން ބުނެފައިވެ އެވެ.

އާސިރު ފެނުނީ 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަން ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ. އޭގެ ތެރޭގައި އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މާލެއިން ޓެކްސީއެއްގައި އެއާޕޯޓަށް ދިޔަތަނެވެ. ސީސީޓީވީ ކެމެރާ ފުޓޭޖުތަކުގެ އެހީގައި ހޯދި އެމައުލޫމާތުތަކަށް ބަލައި ފުލުހުން ވަނީ އޭނާ ދަތުރު ކުރި ޓެކްސީ ޑްރައިވަރު ހޯދައި ސުވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް