މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް/ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ވާނެ ކަމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ރައީސް ނާޒިމް މިހެން ވިދާޅުވެފައި ވަނީ އެޕާޓީން އިންތިޒާމު ކޮށްގެން ރައްޔިތުންގެ އުދާސް ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް މިހެން ވިދާޅުވެފައި ވާއިރު ޔާމީނުގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އެއް ރޭ ދަންވަރު އެގެޔަށް ފުލުހުން ވަދެ ފިސްތޯލައެއް ހޯދުމަށް ފަހު ކުރި ދައުވާ ސާބިތުވުމުން ތިން އަހަރާއި ބައި އޭނާ ވަނީ ޖަލުގައި ހޭދަކުރައްވާފަ އެވެ.
އަދި އޭނާއަށް ޖަލުގައި ލިބުނު އަނިޔާތަކަށް ޔާމީނަށް މައާފުކުރެއްވިޔަސް ދުވަހަކު ވެސް ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް އިޝާރަތް ކުރައްވާ ނާޒިމް ވިދާޅުވީ ޔާމީނަށްވެސް އިންސާފު ލިބެންޖެހޭ ކަމަށެވެ.
އެގޮތުން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ޔާމީން ޖަލުގައި އޮވެގެން ނުވާނެ ކަމަށާއި އަދި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވެން ވާނެ ކަމަށެވެ.
ނާޒިމް އާއި އޭނާގެ އާއިލާ ދުވަހަކުވެސް މީހަކު ޖަލަށް ލާން ނޭދޭނެ ކަމަށާއި ޖަލަކީ ފަސޭހަތަނެއް ނޫން ކަމަށާއި ޔާމީނު ޖަލުގައި އޮންނަން ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ސަބަބަކީ އޭނާއަކީ ޔާމީނުގެ ސަރުކާރުގައި ޖަލުގައި ވަރަށް ނިކަމެތި ހާލުގައި އުޅުނު މީހަކަށް ވާތީ އެ އިހުސާސްކުރެވޭތީ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.
މިގޮތުން ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަގާފަތް ދުއްވާލަން ޖެހޭ ކަމަށާއި އެ ޕާޓީ ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުން ދަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ގިނަ ބަޔަކު ޝާމިލުވާ ގޮތަށް ހިންގި ކޮރަޕްޝަނެއް ނަމަވެސް ފެނިގެންދަނީ ހަމައެކަނި ޔާމީނާ ދިމާލަށް އިނގިލި ދިއްކުރެވޭ މަންޒަރު ކަމަށާއި، އެންމެނާ މެދު ވެސް ހަމަހަމަކަމާ އެކު އިންސާފު ގާއިމުކުރެވެން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް